ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ހުކުމުގެ ބާކީ އޮތްބައި ދެން ތަންފީޒް ކުރައްވާނީ މާފުށީ ޖަލުގައި ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.

ރައީސް މުހައްމަދު ނަޝީދު ގޭ ބަންދުގައި ހުންނަތާ ދެ މަސް ފަހުން މިރޭ އެމަނިކުފާނު ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އިރު އެ ސާވިސްގެ މީޑިއާ އޮފިޝަލް މޫސާ ރަމީޒު މިރޭ ސަން އަށް ވިދާޅުވީ، ދެން ރައީސް ނަޝީދު ހުންނަވާނީ މާފުށީޖަލުގައި އެމަނިކުފާނަށް ހާއްސަ ކުރެވިފައިވާ ޔުނިޓުގައި ކަމަށެވެ.

"ރައީސް ނަޝީދަށް ހާއްސަ ކުރެވިފައިވާ ޔުނިޓަށް މިރޭ ބަދަލުކުރަނީ. ދެން ހުކުމް ތަންފީޒު ކުރައްވަން އެމަނިކުފާނު ހުންނަވާނީ މާފުށީގައި،" ރަމީޒު ވިދާޅުވި އެވެ.

ރަމީޒު ވިދާޅުވީ، ރައީސް ނަޝީދު އަނބުރާ ޖަލަށް ބަދަލު ކުރުމަށް ނިންމީ ޑޮކްޓަރުންގެ ލަފާގެ މަތިން ކަމަށެވެ.

ޑޮކްޓަރުންގެ ލަފާގެ މަތިން "ސުޓްރެސް ފްރީ އެންވަޔަރަންމެންޓެއްގައި" ބެހެއްޓުމަށް ރައީސް މުހައްމަދު ނަޝީދު ގޭ ބަންދަށް ބަދަލުކުރީ މިދިޔަ ޖޫން މަހު 21 ވަނަ ދުވަހު އެވެ. އޭގެ ދެމަސް ފަހުން ރައީސް ނަޝީދު އަނބުރާ ޖަލަށް ބަދަލު ކުރަން ނިންމާފައި ވެސް ވަނީ ޑޮކްޓަރުންގެ ރިޕޯޓްތަކަށް ބަލާފައި ކަމަށް ކަރެންޝަން އިން ބުންޏެވެ.

ރައީސް ނަޝީދު 13 އަހަރަށް ޖަލަށްލާފައި ވަނީ އެމަނިކުފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ސިފައިންގެ އެންމެ މަތީވެރިޔާގެ މަގާމުގައި ހުންނަވައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމަށް ސިފައިންނަށް އަމުރު ކުރެއްވި މައްސަލައިގަ އެވެ.