ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޭ ބަންދުން އަނބުރާ ޖަލަށް ގެންގޮސްފިއެވެ.

މޯލްޑިވިސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް މޫސާ ރަމީޒު މިރޭ ސަން އަށް ވިދާޅުވީ، ރައީސް ނަޝީދު އަނބުރާ މާފުށީ ޖަލަށް ބަދަލު ބަދަލުކޮށްފައިވާ ކަމަށެވެ.

"ޑޮކްޓަރުން ރިޕޯޓްތައް ދިރާސާ ކުރެއްވުމަށް ފަހު ނިންމެވީ އެގޮތަށް [ޖަލަށް ބަދަލު ކުރަން]،" ރަމީޒު ވިދާޅުވި އެވެ.

ރައީސް ނަޝީދު ދިރިއުޅުއްވާ ގޭ ކައިރިއަށް މީހުން އެއްވެފައި-- ސަން ފޮޓޯ: ޔޫސުފް ސޮފާވާން

ޑޮކްޓަރުންގެ ލަފާގެ މަތިން "ސްޓްރެސް ފްރީ އެންވަޔަރަންމެންޓެއްގައި" ބެހެއްޓުމަށް ރައީސް މުހައްމަދު ނަޝީދު ގޭ ބަންދަށް ބަދަލުކުރީ މިދިޔަ ޖޫން މަހު 21 ވަނަ ދުވަހުއެވެ. އޭގެ ދެމަސް ފަހުން ރައީސް ނަޝީދު އަނބުރާ ޖަލަށް ބަދަލު ކުރަން ނިންމާފައިވެސް ވަނީ ޑޮކްޓަރުންގެ ރިޕޯޓްތަކަށް ބަލާފައި ކަމަށް ކަރެންޝަން އިން ބުންޏެވެ.

ރައީސް ނަޝީދު 13 އަހަރަށް ޖަލަށްލާފައި ވަނީ އެމަނިކުފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ސިފައިންގެ އެންމެ މަތީވެރިޔާގެ މަގާމުގައި ހުންނަވައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމަށް ސިފައިންނަށް އަމުރު ކުރެއްވި މައްސަލައިގަ އެވެ.

ރައީސް ނަޝީދު މިވަގުތު ދިރިއުޅުއްވާ، މ. ޔާގޫތުގޭ ސަރަހައްދުގައި ހުރި ސަންގެ ނޫސްވެރިޔާ އާދަމް ނަޒީރު ބުނީ، "މިހާރު ކަރެކްޝަންސްގެ ވޭން، ޔާގޫތުގޭކައިރީގައި އެބަ އޮތް،" ކަމަށެވެ.

އާދަމް ބުނީ ޔާގޫތުގޭ ކައިރިއަށް ރައީސް ނަޝީދަށް ތާއީދަށް ކުރާ ބަޔަކު އެއްވެ އަޑުއުފުލަމުންދާއިރު ފުލުހުން އެސަރަހައްދަށް ޕެޕާ ސްޕުރޭ ކޮށްފައިވާ ކަމަށެވެ.