23 Aug 2015, 22:04
އެއާޕޯޓު ތަރައްގީނުކޮށް ރާއްޖޭގެ އިގްތިޞާދު ފުޅާކުރެވެން ނެތްކަމަށް ނައިބު ރައީސް އަހުމަދު އަދީބު މިއަދު ވިދާޅުވެއްޖެ އެވެ.
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި "ރެޑް އެންޑް ގްރީން ޗެނަލް" ތައާރަފުކުރުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް އަދީބު ވިދާޅުވީ، ރާއްޖޭގެ އިގްތިޞާދުގެ ބޮޑުބައެއް ފަތުރުވެރިކަމަށް ބަރޯސާވެފައި އޮންނަ އިރު، އެއާޕޯޓަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މައި ޕްލެޓްފޯމް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ރައީސް ޔާމީންގެ އެންމެ ބޮޑު އަމާޒަކީ އެއާޕޯޓު ތަރައްގީކުރުންކަމަށާއި ރާއްޖޭގެ ފަތުރުވެރިންގެ އެންމެ ބޮޑު ޕްލެޓްފޯމް، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަކީ ފެންވަރު ރަނގަޅު އެއާޕޯޓަކަށް ހަދައި ތަރައްގީކުރުން ކަމަށެވެ.
" މި ފަސްއަހަރު އެއް ޕްރޮޖެކްޓަކަށް އެންމެ ބޮޑު ހޭދައެއް ލޯނުނަގައިގެން ކުރާނެ އެއް ޕްރޮޖެކްޓަކީ އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް. ސަބަބަކީ އެއާޕޯޓް ތަރައްގީވެގެން ނޫނީ ރާއްޖޭގެ އިގްތިޞާދު ފުޅާކުރެވެން ނެތް. ގައުމުގެ ފަތުރުވެރިކަން ފުޅާކުރެވެން ނެތް،" ނައިބު ރައީސް އަދީބު ވިދާޅުވި އެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޓޫރިސްޓު ބެޑްތައް އިތުރުވަމުން އަންނަ އިރު، އެއާޕޯޓުގެ ކެޕޭސިޓީ އިތުރުކުރަން ޖެހޭކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި އެއާޕޯޓު ތަރައްގީ ކުރަމުން އަންނައިރު ރާއްޖޭގެ އިގްތިޞާދަށް އޭގެ އެދެވޭ އަސަރުކުރާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ މި ފަސް އަހަރު ދުވަހުގެ ތެރޭގައި ދިވެހިންގެ އެއާޕޯޓު ދިވެހިންގެ އަތްމަތީގައި ބާއްވައިގެން ތަރައްގީ ކުރާނަން،" ނައިބު ރައީސް އަދީބު ވިދާޅުވި އެވެ.