ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ނިހާޔަތު ސަސްޕެންޑުކޮށްފައި ވަނީ އެއް މައްސަލައެއްގައި ދެ ފަހަރަށް ހުކުމް އިއްވުމުން ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރަކު ވިދާޅުވެއްޖެ އެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް ސަން އަށް މައުލޫމާތު ދެއްވަމުން ޖޭއެސްސީގެ މެމްބަރަކު ވިދާޅުވީ، ސިވިލް ކޯޓަށް ހުށަހަޅާފައިވާ ފައިސާ ހޯދުމުގެ މައްސަލައެއްގައި ދައުވާ ކުރާ ފަރާތުން ހާޒިރުނުވެގެން އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައި ގާޒީ ނިހާޔަތު ހުކުމް އިއްވި ކަމަށެވެ. އަދި އެ ހުކުމް ސިވިލް ކޯޓުގެ ވެބްސައިޓަށް އަޕްލޯޑް ކޮށްފައިވާ ކަމަށް ވެސް އެ މެމްބަރު ވިދާޅުވި އެވެ.

ނަމަވެސް އޭގެފަހުން އެ މައްސަލާގައި ދައުވާ ރައްދުވި ފަރާތުގެ މައްޗަށް ދައުވާ ކުރާ ފަރާތަށް ފައިސާ ދެއްކުމަށް އަނެއްކާވެސް ގާޒީ ނިހާޔަތު ހުކުމް އިއްވާފައިވާ ކަމަށް ވެސް ޖޭއެސްސީގެ މެމްބަރު ވިދާޅުވިއެވެ.

"މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ހުކުމް އިއްވުމުން ދެން އެ މައްސަލަ ކުރިއަށް ގެންދެވޭނީ އަލުން ކޯޓަށް ހުށަހެޅުމުން. އަލުން ހުށަނާޅަނީސް އެގޮތަކަށް ހުކުމެއް ނުކުރެވޭނެ. އެއިރަށް އެކުރެވެނީ އެއް މައްސަލައެއްގައި ދެ ހުކުމް،" ޖޭއެސްސީގެ މެމްބަރު ވިދާޅުވި އެވެ.

އެ މައްސަލަ ތަހުގީގުކޮށް އެ ކޮމިޝަނުން ވަކި ގޮތެއް ކަނޑައަޅަންދެން ޖޭއެސްސީން ވަނީ ގާޒީ ނިހާޔަތު ސަސްޕެންޑުކޮށްފައެވެ.

ޖޭއެސްސީން ބުނެފައި ވަނީ ނިހާޔަތު ސަސްޕެންޑު ކުރީ އޭނާ ތަހުގީގަށް ދީފައިވާ ބަޔާނާއި ޝަކުވާގެ ބާވަތަށާއި މިހާތަނަށް ތަހުގީގަށް ލިބިފައިވާ މައުލޫމާތަށް ބެލުމަށްފަހު ކަމަށެވެ.