23 Aug 2015, 19:42
ވައިގެމަގުން ދަތުރުކުރާ މީހުންގެ ދަބަސްތައް ބެގޭޖް ބެލްޓަށް އެރުވުމުގެ ކުރިން ކަސްޓަމްސް ޑިކްލެއާ ކުރެވޭނެ އުސޫލެއް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ގާއިމްކޮށްފި އެވެ.
މީގެ ކުރިން ފަސިންޖަރުންނަށް ޖެހެނީ ބެގޭޖް ބެލްޓުން ދަބަސްތައް ނަގައިގެން ގޮސް ކަސްޓަމްސް ޑިކްލެއާ ކުރުމަށް ކިޔޫގައި މަޑުކުރާށެވެ. ނަމަވެސް މިހާރު ތައާރަފުކުރި "ރެޑް އެންޑް ގްރީން ޗެނަލް"ގެ ދަށުން ބެގޭޖް ބެލްޓަށް ދަބަސްތައް އަރުވާނީ ކަސްޓަމްސް އިން ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށްފަހު އެވެ.
އެހެންކަމުން އިތުރަށް ޗެކް ކުރަންޖެހޭ ލަގެޖެއް ނުވަތަ ދަބަހެއް ނުގެންގުޅޭ މީހެއް ނަމަ ބެގޭޖް ބެލްޓުން ދަބަސް ނަގައިގެން އެއާޕޯޓުން ނުކުމެ ވަގުތު ސަލާމަތްކުރެވޭނެ އެވެ. ނަމަވެސް ކަސްޓަމްސް އިން ސްކޭން ކުރުމަށްފަހު އިތުރަށް ބަލަންޖެހޭ ލަގެޖެއް ނަމަ ބެލްޓުން ނަގައިގެން ކުރިއެކޭ އެއްގޮތަށް ކަސްޓަމްސްގެ ކައުންޓަރަކަށް ގެންދާނެ އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން މިއަދު ހަވީރު އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ހިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ނައިބު ރައީސް އަހުމަދު އަދީބެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ، އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ބާރަށް ކުރަމުން އަންނަ އިރު، ރެޑް އެންޑް ގްރީން ޗެނަލްގެ ހިދުމަތަކީ ވަރަށް މުހިންމު އަދި ފަސިންޖަރުންނަށް އޭގެ ފައިދާވާނެ ހިދުމަތެއް ކަމަށެވެ.
އެރަސްމިއްޔާތުގައި ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވީ، މިއަދު ގެނައި ބަދަލުގެ ސަބަބުން މުދަލުގެ ސެކިއުރިޓީ ދައްވެދާނެކަމަށް ބައެއް މީހުންނަށް ހީވެދާނެ ކަމަށެވެ. ނަމަވެސް ކުރިކަމަކީ އެތެރޭގައި ހުރި މެޝިނެއް ބޭރަށް ނެރުން ކަމަށާއި އޭގެ ސަބަބުން ދަބަސްތައް ޗެކްކުރަން ޖެހޭ ޗެކްކުރުމަށް ނުވަތަ ސެކިއުރިޓީއަށް އެއްވެސް އުނިކަމެއް ނާންނާނެ ކަމަށެވެ.
ނައިބުރައީސް ވިދާޅުވީ، މިއަދު އެއާޕޯޓަށް ނެގައި ބަދަލަކީ އެ އެއާޕޯޓުގެ ހިދުމަތް ހޯދާ ފަސިންޖަރުންނަށް ވަރަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ހިދުމަތެއް ކަމަށެވެ. އަދި މިސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރާ ކަމަކީ އެއާޕޯޓު ތަރައްގީކުރުން ކަމަށާއި ސަބަބަކީ އެއާޕޯޓު ގުޅިފައި ވަނީ ގައުމުގެ އިގްތިސޯދަށް ކަމަށް ވާތީ ކަމަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި ކަސްޓަމްސްގެ އިސް އޮފިސަރުންނާއި އެމްއޭސީއެލްގެ އިސް މުވައްޒަފުން ބައިވެރިވި އެވެ.