23 Aug 2015, 19:09
ތެހެރާން (އޮގަސްޓް 23): އިނގިރޭސި ޚާރިޖީ ވަޒީރު ފިލިޕް ހާމަންޑް އީރާނަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ތެހެރާންގައި އިނގިރޭސިވިލާތުގެ އެމްބަސީއެއް ހުޅުއްވައި ދެއްވައިފިއެވެ.
އެމްބަސީ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހާމަންޑް ވިދާޅުވީ، މިއީ އީރާނާއި އިނގިރޭސިވިލާތުގެ ގުޅުން އިތުރަށް ރަނގަޅު ކުރުމަށް އެޅުނު ޑިޕްލޮމެޓިކް ފިޔަވަޅެއްކަމަށާއި ކުރިމަގުގައި ދެގައުމުގެ ގުޅުންތަކަށްއޮތީ ފާގަތި މުސްތަގްބަލެއްކަމަށް ދެކެވަޑައިގަންނަވާ ކަމުގައެވެ.
ހާމަންޑް އީރާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިނގިރޭސިވިލާތުގެ ބައެއް ވިޔަފާރިވެރިންނާއި އިންވެސްޓަރުންނާއި ބޮޑެތި ކުންފުނިތަކުގެ މަންދޫބުން ހިމެނިވަޑައިގަންނަވައެވެ. މިދަތުރުފުޅުގެ ބޭނުމަކީ ތެހެރާންގައި އިނގިރޭސި އެމްބަސީއެއް ހުޅުވުމުގެ އިތުރުން އީރާނުގެ ނިއުކްލިއަ މައްސަލަ ހައްލުކުރުމުގެ އެއްބަސްވުމާގުޅިގެން އީރާނަށް ލިބިގެންދާ އިގްތިސާދީ ފުރުސަތުތަކުން އިނގިރޭސިވިލާތުގެ ކުންފުނިތަކަށް މާލީ ފައިދާތައް ހާސިލްކުރުމަށް މަގުފަހިކުރުމެވެ.
ނިއުކްލިއަ އެއްބަސްވުމާއެކު ހުޅަނގުން ގެންދަނީ އީރާނާދެކޮޅަށް އަޅާފައިވާ އިގްތިސާދީ އަދި މާލީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ތައްޔާރުވަމުންނެވެ. އދ. ންވެސް ވަނީ އީރާނާދެކޮޅަށް އަޅާފައިވާ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ ގަރާރެއް ފާސްކޮށްފައެވެ.
އީރާނުގައި އިނގިރޭސި އެމްބަސީއެއް މިހުޅުވީ އެގައުމުގައި ކުރިންހުރި އިނގިރޭސި އެމްބަސީ ބަންދުކުރިތާ ހަތަރު އަހަރު ފަހުންނެވެ. ތެހެރާންގައި ހުރި އިނގިރޭސި އެމްބަސީ 2011 ވަނަ އަހަރު ބަންދުކުރީ އެދުވަސްވަރު އެމެރިކާއިން އީރާނާދެކޮޅަށްއެޅި ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކުގައި އިނގިރޭސިވިލާތް ބައިވެރިވުމާ ގުޅިގެން އީރާނުގެ ޒުވާނުންގެ ބަޔަކު އެމްބަސީއަށް ހަމަލާދީ އެތަނުގައިވާ ތަކެއްޗަށް ބައެއް ގެއްލުންތައް ދިނުމާގުޅިގެންނެވެ. އެމްބަސީ ބަންދުކުރުމުގެ ކުރިން އިނގިރޭސި ސަރުކާރުންވަނީ އީރާނުގައި ހުންނެވި އިނގިރޭސި ސަފީރު އަނބުރައި ގައުމަށް ގެންގޮސްފައެވެ. ނަމަވެސް އީރާނުގެ ނިއުކްލިއަ މައްސަލަ ހައްލުވުމާ ގުޅިގެން އިނގިރޭސީންވަނީ އީރާނާއެކު އިގްތިސާދީ ބަދަހި ގުޅުންތަކެއް އުފައްދަން ބޭނުންވާކަން ހާމަކޮށްފައެވެ. އަދި ނިއުކްލިއަ ވާހަކަތައް ކުރިޔަށްދިޔައިރު އެދެގައުމުންވަނީ ޑިޕްލޮމެޓިކް ގުޅުންތައް އަލުން ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
ތެހެރާންގައި އިނގިރޭސި އެމްބަސީއެއް ހުޅުވާފައިވާއިރު އީރާނުގެ އެމްބަސީއެއް ލަންޑަންގައިވެސް ވަރަށްއަވަހަށް ހުޅުވާނެއެވެ.
ޑޭވިޑް ހާމަންޑަކީ 2003 ވަނަ އަހަރުގެ ފަހުން އީރާނަށް ވަޑައިގެންނެވި އިނގިރޭސި ފުރަތަމަ ޚާރިޖީ ވަޒީރެވެ. (އަލްޖަޒީރާ)