ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގައި ޝީޝާގެ ތިން ބެއިން ހުޅުވާފައިވާ އެކައުންޓުން ވަގު ޑޮކިއުމެންޓްތަކެއް ހުށަހަޅައިގެން 18 މިލިއަން ރުފިޔާ ނެގި މައްސަލައިގެ ތުހުމަތުގައި ދައުލަތުން އުފުލި ދައުވާއަށް ރިޓަޔަޑް ކާނަލް ޝައުކަތު އިބްރާހީމާއި އޭނާގެ ބިޒުނަސް ޕާޓްނަރު ރ. ރަސްމާދޫ ބަހާރުގެ އަލީ އަޝްރަފު ޖަވާބު ދާރީވެއްޖެ އެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އަޝްރަފާއި ޝައުކަތުގެ ވަކީލު ހަސަން ވަހީދު ވިދާޅުވީ މަކަރާއި ހީލަތް ހެދުމުގެ ދައުވާ ސާފުނުވާ ކަމަށެވެ.

ޝައުކަތު ބުނެގެން އޭނާގެ އެކައުންޓުން އަޝްރަފް ފައިސާ ނަގާފައިވާތީ ކަމަށް އޭނާގެ މައްޗަށް ދައުވާ އުފުލިއިރު ޝައުކަތުގެ ދަށުން މަސައްކަތްކުރާ އެހެން މުވައްޒަފުންގެ މައްޗަށް ދައުވާ ނުއުފުލީ ކީއްވެތޯ ދިފާއީ ވަކީލު ވަނީ ސުވާލު އުފައްދާފައެވެ.

ދިފާއީ ވަކީލަށް ދައުވާ ސާފުކޮށްދެއްވަމުން ދައުލަތުގެ ވަކީލު އާދަމް އާރިފް ވިދާޅުވީ ޝައުކަތުގެ އެކައުންޓުން ފައިސާނެގިއިރު އަޝްރަފަށް ކަނޑައެޅިގެން އެނގޭ އޮޅުވާލުންތަކެއް ހުރި ކަމަށެވެ. އަދ ިއަޝްރަފް ތަހުގީގަށް ދިން ބަޔާނުން މަކަރާއި ހީލަތް ހެދުމުގެ އަމަލުގައި އޭނާ އަމަލީގޮތުން ބައިވެރިވެފައިވާކަން ސާފުވާން އޮއްނަ ކަމަށެވެ.

އެހެންކަމުން ޖިނާއީ ނިޔަތާއި އަމަލުގެ ރުކުން އަޝްރަފުގެ މައްޗަށް ކުރި ދައުވާގައި ފުރިހަމަ ވާނެ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

ކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުވާ އަށް އިންކާރުކޮށްފައިވާއިރު ޝައުކަތާއި އަޝްރަފް މިއަދު ވަނީ އެ ދެ މީހުން ފުލުހުންގެ ތަހުގީގަށް ދީފައިވާ ބަޔާނަށް ވެސް އިންކާރުކޮށްފައެވެ.

ޝައުކަތާއި އަޝްރަފްގެ ވަކީލު ވިދާޅުވީ ދައުލަތުން ހުށަހެޅި ބައެއް ލިޔެކިޔުންތައް އެ ދެ މީހުންނަށް ލިބިފައިނުވާ ކަމަށެވެ. އެހެންކަމުން އެ ލިޔުންތައް އެ މީހުންނަށް ފޯރުކޮށްދިނުމަށްފަހު، ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި އޮންނާނީ ހެކި ހުށަހެޅުމެވެ.

އަޝްރަފާއި ޝައުކަތުގެ އިތުރުން އެ މައްސަލާގައި ދެން ދައުވާ އުފުލާފައި ވަނީ ބ. ތުޅާދޫ މާފަރިވާގޭ އިބްރާހީމް ޝާހިދުގެ މައްޗަށެވެ. އޭނާ ވެސް ވަނީ ދައުވާ އަށް އިންކާރުކޮށްފައެވެ.