ގދ. ތިނަދޫގައިި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ 33 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އެ މީހާ ފުލުހުން ހައްޔަރުކޮށްފައި ވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށް ފުލުހުން ބުނެ އެވެ. މިދިޔަ ހުކުރު ދުވަހު ފުލުހުން އެ މީހާ ހައްޔަރުކުރީ ތިނަދުއަށް ދިޔަ ލޯންޗަކުން ގެންދިޔަ މަސްތުވާތަކެއްޗާ ހަވާލުވުމަށް ފަހު ސައިކަލުގައި އެތަކެތި ގެންދަނިކޮށް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ފެނުމުން އޭނާ ދުއްވަން އިން ސައިކަލުގެ މަޑި ދަށުން މަސްތުވާތަކެތި ކަމަށް ލަފާކުރެވޭ ކޮތަޅެއް ސައިކަލު މަޑިދަށުން ނެގުމަށް ފަހު އެއްލާލާފައިވާ ކަަމަށް ފުލުހުން ބުނެ އެވެ. އެ މީހާ އެއްލާލި ކޮތަޅުގައި ޖޫސްޕެޓީ ކޮތަޅުގެ ދެ ކޮތަޅު އޮތް ކަމަށާއި އެ ދެ ކޮތަޅުގައި ހުރީ މަސްތުވާތަކެތި ކަަމަށް ލަފާކުރެވޭ އެއްޗެއް ކަމަށް ފުލުހުން ބުނެ އެވެ. އަދި އޭނާގެ ވޮލަޓުން 9400 ރުފިޔާ އަށް ވުރެ ގިނަ ފައިސާ އާއި ހަ ޑޮލަރު ފެނިފައިވާ ކަަމަށް ފުލުހުން ބުންޏެވެ.

ވައްކަމާއި މަސްތުވާތަކެތީގެ ރިކޯޑް އޮންނަ އެމީހާގެ ބަންދަށް ތިނަދޫ ކޯޓުން ވަނީ ދިހަ ދުވަސް ޖަހާފަ އެވެ. އެ މައްސަލަ ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.