ފުލުހުންނަށް ނޭނގި ޑީޕީއާރުއެސް އިން އެއްވެސް ގައިދީއެއް މުޖުތަމައުގެ ތެރެއަށް ދޫކޮށްލާފައިނުވާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސާވިސަސް (ޑީޕީއާރުއެސް) އިން ބުނެފި އެވެ.

ޖަލުތަކުގައި ތިބެން ޖެހޭ އެތައް ކުށްވެރިންނެއް މިދުވަސްވަރު މާލެތެރޭގައި އުޅެމުންދާ ކަމަށް ބުނެ ފެތުރެމުންދާ ވާހަކަ ތަކާބެހޭ ގޮތުން ޑިރެކްޓާ ޖެނެރަލް މުހައްމަދު ރަޝީދު ވިދާޅުވީ އެއްވެސް ގައިދީއަކު ފުލުހުންނަށް ނޭނގި ދޫކޮށްލާފައި ނުވާނެ ކަމަށެވެ.

ކުށްވެރިން މުޖުތަމައަށް ދޫކުރާ ކަމަށް ބުނެ ފުލުހުންގެ ފަރާތުން ދައްކާ ވާހަކަތަކަށް ވެސް ރަޝީދު ރައްދު ދެއްވެވި އެވެ. ވިދާޅުވީ ރަނގަޅަށް މަޢުލޫމާތު ނުހޯއްދައި ޒިންމާދާރުކަން ކުޑަގޮތަކަށް "ބޮލުން ފޮޅާލުމުގެ ގޮތުގައި" ފުލުހުން ވާހަކަތައް ދައްކާ ކަމަށެވެ.

"އެއްވެސް މީހަކު މެޑިކަލްއަށް ވެސް އަދި ރާއްޖޭން ބޭރު ބޭސްފަރުވާ އަކަށް، ނުވަތަ ރާއްޖޭން ބޭރު ރީހެބް ފަރުވާ އަކަށް، ނުވަތަ ރާއްޖޭގައި ހިންގާ ޕްރޮގްރާމެއްގައި ގައިދީއަކު ފޮނުވި ކަމުގައި ވިޔަސް އެމީހެއްގެ މަޢުލޫމާތު ޕޮލިހަށް ފޮނުވާނެ. ހަމައެކަނި ޕޮލިހަކަށް ނޫން އެހެން ދިމަދިމާލަށް ވެސް ފޮނުވާނެ." ރަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖަލުގައި ހައްޔަރު ކޮށްފައި ހުރި ގައިދީއަކު ފުލުހުންނަށް އެނގުމަކާ ނުލައި ދޫކޮށްލާފައިވާ ކަމަށް ބުނެ ވާހަކަތައް ދައްކާއިރު އެކަން ހިނގާފައި އޮތް ގޮތެއް ވެސް ފުލުހުން ބަލަންޖެހޭނެ ކަމަށެވެ. "ވާނުވާ ނޭނގޭ ކަމަށް ވަންޏާ ވާނުވާ ހޯދަން ޖެހޭނެ" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރަޝީދު ވިދާޅުވީ ބޭސްފަރުވާ އަށް މާލެ ގެންނަ ގައިދީން ފުލުހުންނަށް އެނގޭނެ ކަމަށާއި ހައި ސެކިއުރިޓީ ގައިދީން މާލެ ގެންނަނީ ވެސް ފުލުހުންގެ އެހީތެރި ކަމާއެކުގައި ކަމަށެވެ. އަދި ވިދާޅުވީ ފަރުވާ ދިނުމަށާއި ކުއްލި ހާލަތުގެ އިތުރުން ކޯޓު ތަކަށް ގައިދީން ގެންނައިރު ބައެއް މީހުން ފިލާ ކަމަށާއި އެގޮތަށް ގައިދީން ފިލިޔަސް ކަމާބެހޭ ފަރާތްތަކަށް އަންގާ ކަމަށެވެ.

ކަމާބެހޭ ފަރާތަކީ ހޯމް މިނިސްޓްރީ ކަމެއް ފުލުހުންގެ އިދާރާ ކަމެއް ރަޝީދު ހާމައެއް ނުކުރައްވައެވެ.

ރަޝީދު ވިދާޅުވި ގޮތުގައި ސަރުކާރުގެ މައި ޖަލުން ބޭސް ފަރުވާއަށް ގައިދީން މާލެ ގެންނައިރު އޮންނަ އެންމެ ބޮޑު ގޮންޖެހުމަކީ އާންމުން ގޮސް އުޅޭ ހޮސްޕިޓަލަކަށް ގައިދީން ގެންދަން ޖެހުމެވެ. ކުޑަ އަބާދީ އެއް އޮންނަ ތަނަކަށް ވާތީ ގައިދީން މާލެ ގެނައުމާއެކު މީހުން ގޮސް ބައްދަލުކޮށް މާހައުލެއްގައި މީހުންނަށް ބިރުދައްކާފައި ގައިދީން ފިލުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޑީޕީއާރްއެސް އިން ބުނި ގޮތުގައި މިދިޔަ މަހުތެރޭ 100 އަށްވުރެ ގިނަ ގައިދީން ބޭސްފަރުވާ އަށް މާލެ ގެނަ އެވެ. އަދި ޑީޕީއާރުއެސްގެ ޑޮކްޓަރުން 600 އަށް ވުރެ ގިނަ ގައިދީން ބެލި އެވެ.

ޑީޕީއާރްއެސް އިން ބުނީ ޕެރޯލްގެ ރީއިންޓެގްރޭޝަން ޕްރޮގްރާމް ދަށުން 60 އަށް ވުރެ ގިނަ ގައިދީން މުޖުތަމައުގެ ތެރޭގައި އުޅޭ ކަމަށާއި އެނޫން ގޮތް ގޮތަށް ވެސް ގައިދީން ޖަލުން ބޭރުގައި އެބަތިބި ކަމަށެވެ.