23 Aug 2015, 14:43
"ރައީސް ޔާމީން 2018"، މި ޝިއާރުގެ ދަށުން 2018 ވަނަ އަހަރުގެ އިންތިހާބަށް ރައީސް ޔާމީން ކާމިޔާބުކުރުމުގެ ބޭނުމުގައި ކުރިއަށްގެންދާ ކެމްޕެއިންގެ އިސްކޮށް ހަރަކާތްތެރިވާނެ ލީޑަރުން ތައްޔާރުކުރުމުގެ މަހާސިންތާއެއް ބާއްވަން ނިންމައިފި އެވެ.
އަންނަ ސެޕްޓެމްބަރު މަހު ބާއްވާ މަހާސިންތާއަކީ ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުން އިސްނަގައިގެން، އެ އޮފީހުން ހުރިހާ ކަމެއް އިންތިޒާމުކޮށްގެން ބާއްވާ މަހާސިންތާއެއް ކަމަށް ރައީސް ޔާމީންގެ ކެމްޕޭން އޮފީހުން މިއަދު ބޭއްވި ޕްރެސް ކޮންފަރެއްސެއްގައި ބުންޏެވެ.
އެ މަހާސިންތާގައި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން މީހުން ބައިވެރިވާނެ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
މަހާސިންތާއާ ގުޅޭ މައުލޫމާތު ދިނުމަށް މިއަދު އެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުއާޒު އަލީ ވިދާޅުވީ އެ މަހާސިންތާގައި ރާއްޖޭގެ ހުރިހާ އަތޮޅުތަކުން ހުރިހާ ރަށެއް ޝާމިލުވާނެ ކަމަށެވެ.
މުއާޒު ވިދާޅުވީ މަހާސިންތާ ބާއްވާނީ ޖުމްލަ ތިން ބުރަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ފުރަތަމަ ބުރު ސެޕްޓެމްބަރު މަހުގެ 3 އިން 4 އަދި 5 ވަނަ ދުވަހު ބާއްވާ އިރު، އެ ބުރުގައި ބައިވެރިވާނީ ހއ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް، ހިމެނޭ އަތޮޅުތައް ހިމެނޭ ގޮފިތަކުން، ކޮންމެ ގޮތްޕަކުން މެންބަރެއް ކަމަށެވެ. އެގޮތުން ފުރަތަމަ ބުރުގައި ޖުމްލަ 369 މީހުން ބައިވެރިވާނެ ކަމަށް މުއާޒު ވިދާޅުވި އެވެ.
މަހާސިންތާގެ ދެވަނަ ބުރު އޮންނާނީ ސެޕްޓެމްބަރު 10، 11 އަދި 12 ގައި ކަމަށް މުއާޒު ވިދާޅުވި އެވެ. ދެވަނަ ބުރުގައި ބައިވެރި ވާނީ ފ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ކަމަށް މުއާޒު ވިދާޅުވި އެވެ. ފުރަތަމަ ބުރާއި ދެވަނަ ބުރުގައި ހިމެނޭނީ ހަމައެކަނި އަތޮޅުތަކުގައި ހިމެނޭ ފަރާތްތައް ކަމަށާއި ތިން ވަނަ ބުރުގައި ހިމެނޭނީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ދިރިއުޅުއްވާ ފަރާތްތައް ކަމަށް މުއާޒު ވިދާޅުވި އެވެ.
"މަހާސިންތާގެ މައިގަނޑު ބޭނުމަކީ ކެމްޕެއިންގައި ހަރަކާތްތެރިވާނެ ލީޑަރުން އުފެއްދުން. މިކަމުގައި ހިމެނޭ ފަރާތްތަކަށް ތަމްރީނާއި އިރުޝާދު ދިނުމުގެ މަހާސިންތާއެއް މިއީ. އޭގެ ތެރޭގައި ކެމްޕެއިންއެއް ކާމިޔާބު ކުރުމަށް ކަންތައް ކުރަން ޖެހޭ ގޮތްތައް ކަމާބެހޭ ބޭފުޅުން ކިޔާދެއްވާނެ،" މުއާޒު ވިދާޅުވި އެވެ.
މުއާޒު ވިދާޅުވީ އެ ކެމްޕޭނަކީ ޕީޕީއެމްގެ ޝާމިލުވުމެއް އޮވެގެން ބާއްވާ މަހާސިންތާއެއް ނޫން ކަމަށާއި އެ މަހާސިންތާގެ ހުރިހާ ކަމެއް ކުރިއަށް ގެންދާނީ ރައީސް ޔާމީންގެ ކެމްޕޭން އޮފީހުން ކަމަށެވެ.