ދިވެހިރާއްޖޭގެ ކުޅިވަރު ބިލް މިހަފްތާގެ ތެރޭގައި ފާސް ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް އެބިލްގެ މަސައްކަތްކުރަމުންދާ އިޖުތިމާއީ ކޮމިޓީގެ މުގައްރިރު މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާއު ވިދާޅުވެއްޖެއެވެ.

އިޖުތިމާއީ ކޮމިޓީއިން އެކުލަވާލި ސަބްކޮމިޓީއަކުން މަސައްކަތް ކޮށްފައިވާ ކުޅިވަރު ބިލަށް ކުޅިވަރު އެސޯސިއޭޝަންތަކުގެ ހިޔާލު ހޯދުމަށް މަޖިލީހުގައި މިއަދު ބޭއްވި އިޖުތިމާއީ ކޮމިޓީގެ ބައްދަލުވުމުގައި ރިފާއު ވިދާޅުވީ އެސޯސިއޭޝަންތަކުން ދިފައިވާ ހިޔާލާއި އެއްގޮތަށް ބިލްގެ މަސައްކަތް ނިންމުމަށް މަސައްކަތް ކުރާނެ ކަމަށާއި އެއައްފަހު މިހަފުތާރެރާގައި ގާނުނު ފާސްކުރާނެ ކަމަށެވެ.

އިޖުތިމާއީ ކޮމިޓީގެ މުގައްރިރު މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާއު. އޭނާ ވިދާޅުވީ މިހަފުތާތެރޭގައި ކުޅިވަރު ބިލް ފަސް ކުރާނެ ކަމަށް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރިފާއު ވިދާލުވީ ބިލް ގާނޫނަކަށްވެ ގެޒެޓް ކުރެވުމާއެކު ހަ މަސް ތެރޭގައި ގާނޫނަށް އަމަލު ކުރަން ފަށާނެކަމަށާއި އަދި ގާނޫނަށް އަމަލުކުރަން ފަށާތާ ހަ މަސް ތެރޭގައި ގާނޫނުގެ ދަށުން ކުޅިވަރު އެސޯސިއޭޝަންތައް ރަޖިސްޓްރީ ކުރުމަށް ހަ މަހުގެ މުއްދަތެއް ލިބިގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ޓާގެޓަކީ މަޖިލީހުގެ މިދައުރު ނިމެންވާއިރަށް މިބިލް ގާނޫނަކަށް ގެނައުން މިދައުރު ނިމޭނީ މިހަފުތާ. މިހާރު މިގާނޫނު ބައްޓަންވެފައި އޮތްގޮތުން ކަމުގައި ވެއްޖެއްޔާމު ގާނޫނު ފާސްވެ ގެޒެޓް ކުރެވޭއިރަށް ހަ މަސްދުވަހުގެ ތެރޭގައި ގާނޫނަށް އަމަލު ކުރެވެން ފަށާނެ، އެހެންވީމަ އޯވާރރޯލްކޮށް ހުރިހާކަމަކަށް އެއް އަހަރު ލިބިގެންދާނެ އެއީއެސޯސިއޭޝަންތަކުގެ ރީރަޖިސްޓްރޭޝަނަށް ގާނޫނަށް އަމަލުކުރާ ދުވަހުން ފެށިގެންވެސް ހަމަސް އެބަ ލިބިގެންދޭ" ރިފާއު ވިދާޅުވިއެވެ.

ރިފާއު ވިދާޅުވީ ބިލް ފާސް ކުރުމަށްފަހުވެސް އަމަލުކުރުމުގެ ކުރިން އެސޯސިއޭޝަންތަކުން ގެންނަ ބޭނުންވާ އިސްލާހެއް އޮތް ނަމަ އެކަން ގާނުނުގައި ހިމެނުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

"މިބިލް ނިންމާފައި މަޖިލިސް މިދަނީ އެއްމަސް ދުވަހުގެ ޗުއްޓީއަކަށް އެހެންނަމަވެސް އަދިވެސް މިބިލުން ކުދިކުދި ކަންކަމަށް ފަހު މަރުހަލާގައި ބަދަލެއް ގެންނަން ބޭނުންވިޔަސް ގެޒެޓް ކުރުމަށްފަހު ލިބޭ ހަމަސް ދުވަހުގެ ތެރޭގައި ރަސްމީކޮށް ގާނޫނަށް ޢަމަލުކުރުމުގެ ކުރިން އިސްލާހްކޮށްލަން ލިބޭނެ. އެހެންވެ މަޖިލީހުގެ ރައީސްގެ ހިޔާލުފުޅައެކު އޮގޮތަށް ކުރިއަށްގެންދާ ވިސްނުމެއް އަޅުގަނޑުމެންގެ މިހުރީ" ރިފާއު ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުވުމުގައި އެސޯސިއޭޝަންތަކުން ވަނީ ބައިނަލްއަގުވާމީ ކުޅިވަރު ފެޑްރޭޝަންތަކުގައި އޮންނަ ހަމަތައް ގާނޫނުގައި ހިމެނުމަށް ބާރު އަޅާފައެވެ.

މިއަދު ބައްދަލުވުމުގައި މޯލްޑިވްސް އޮލިމިޕިކް ކޮމިޓީގެ ގާނޫނި ވަކީލް ކުރީގޭ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނަރަލް ޙުސައިން ޝަމީމު ވަނީ މިހާރު ބިލް އޮތް ގޮތުން ކުޅިވަރުތައް މާނަކުރާ ގޮތަށް ބަދަލު ގެނެސް ކުޅިވަރު ކަނޑައަޅާ މާއްދާ ބިލުން ފުހެއްލުމަށް ހުށަހައްޅުއްވާފައެވެ.

ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަ ޖެނަރަލް ޙުސައިން ޝަމީމް. އޭނާ ވަނީ މިއަދު ގިނަ އިސްލާހްތަކެއް ކޮމިތީއަށް ހުށަހަޅާފައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަދި ޝަމީމު ވަނީ މިހާރު ބިލް އޮތްގޮތުން އައްޔަންކުރަންޖެހޭ ކުޅިވަރު ކޮމިޝަނަރުގެ ބަދަލުގައި ކުޅިވަރު ކައުންސިލް ހިންގުމަށް ސީއީއޯއެއްގެ މަގާމު އުފެއްދުމަށް ހިޔާލު ހުށަހައްޅުއްވާފައެވެ.

ކުޅިވަރުގެ ބިލް މަޖިލީހަށް ހުށަހެޅުއްވީ މިއަހަރުގެ މާޗް މަހު މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަޙްމަދު ޠާރިޤު (ޓޮމް) އެވެ.