ސަރުކާރުގެ ފާމަސީ މިހާރު ނެތީ އެންމެ 36 ރަށުގައި ކަމަށާއި އެ ރަށްތަކުގައި މިއަހަރު ނިމުމުގެ ކުރިން ފާމަސީ ގާއިމުކުރާނެ ކަމަށް ހެލްތް މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

ހަ ރަށެއްގެ ސިއްހީ މަރުކަޒު މަރާމާތުގެ މަސައްކަތް ބަޔަކާ ހަވާލުކުރުމަށް ހެލްތް މިނިސްޓްރީގައި މިއަދު ބޭއްވި ޕްރެސްކޮންފަރެންސްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ހެލްތް މިނިސްޓްރީ އާއި އެސްޓިއޯ އާއި އާސަންދަ ގުޅިގެން 152 ފާމަސީ އެކި ރަށްރަށުގައި ހުޅުވާފައިވާ ކަަމަށެވެ.

"ބާކީ އޮތް 36 ރަށުގަ އިރާދަކުރެއްވިއްޔާ ފާމަސީ މިއަހަރުތެރޭ ދެން ބާކީ އޮތް ހިސާބުގައި ހުޅުވޭނެ. އަޅުގަނޑު އުއްމީދު ކުރަނީ ހުރިހާ ރަށްތަކަށް އެދެވޭގޮތުގައި ފާމަސީގެ ޚިދުމަތް ލިބިގެން ދިއުން،" އިރުތިޝާމް ވިދާޅުވިއެވެ.

އެކި ރަށްރަށުގައި ފާމަސީ ގާއިމުކޮށް ބޭސް ސަޕްލައިކޮށްދިނުމުގައި އެންމެ މުހިންމު ރޯލެއް އަދާކުރަނީ އެސްޓިއޯ އިންނެވެ. އެސްޓިއޯއިން ގާއިމުކުރާ ހުރިހާ ފާމަސީ އަކުން އާސަންދައިގެ ދަށުން ބޭސް ލިބެއެވެ.