23 Aug 2015, 12:48
ހަ ރަށެއްގެ ސިއްހީ މަރުކަޒު މަރާމާތު ކުރުމަށާއި އެއް ރަށެއްގެ ސިއްހީ މަރުކަޒު ބޮޑު ކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި އެވެ. އެ މަސައްކަތް ހަވާލުކުރިކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ހެލްތު މިނިސްޓަރު އިރުތިޝާމު އާދަމް އެވެ. ހެލްތު މިނިސްޓްރީގައިި މިއަދު ބޭއްވި ޕްރެސްކޮންފަރެންސްގައި އިރުތިޝާމް އާދަމް ވިދާޅުވީ އެ މަސައްކަތްތަކުގެ ޖުމަލް އަގު 4.3 މިލިއަން ރުފިޔާ އަށް އަރާ ކަމަށެވެ.
ސިއްހީ މަރުކަޒުތައް މަރާމާތުކުރާ ރަށްތަކަކީ ނ. ފޮއްދޫ، ޅ. އޮޅުވެލިފުށި، ބ.ހިތާދޫ، އދ. ފެންފުށި، ފ. މަގޫދޫ، ރ. ހުޅުދުއްފާރު އެވެ. ސިއްހީ މަރުކަޒު ބޮޑުކުރާ ރަށަކީ ލ. ދަބިދޫ އެވެ.
އަތޮޅު ތެރޭގައި ސިއްހީ މަރުކަޒުތައް މަރާމާތު ކުރުމަށް ހަ މިލިއަން ރުފިޔާ ފާއިތުވި އަހަރު ޚަރަދުކޮޮށްފައިވާ ކަމަށް ވެސް އިރުތިޝާމު ވިދާޅުވި އެވެ.
ސިއްހީ މަރުކަޒުތަކުގެ މަސައްކަތް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހެލްްތު މިނިސްޓަރު އިރުތިޝާމް އާދަމް -- ސަން ފޮޓޯ: ފަޔާޒް މޫސާ
"މި ދެވޭ ސިއްހީ ހިދުމަތަކީ ރައްޔިތުންނަށް އެދެވޭ ގޮތެއްގައި ރައްޔިތުން އިތުބާރުކުރެވޭ އަދި ލުއި ފަސޭހަ ސިއްހީ ހިދުމަތެއް ކަމުގައި ހެދުމަށް ޓަކައި މިނިސްޓްރީގެ އެކިއެކި ސިޔާސީ ބޭފުޅުންނާއި އަދި މިނިސްޓްރީހެ ހުރިހާ މުއައްޒަފުން ދަނީ މަސައްކަތްކުރައްވަމުން،" ކަމަށް އިރުތިޝާމު ވިދާޅުވި އެވެ.
ސިއްހީ މަރުކަޒުތަކުގެ މަސައްކަތް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ: ފަޔާޒް މޫސާ
ސިއްހީ ހިދުމަތްތައް ރަނގަޅުކުރުމުގެ ގޮތުން 53 އެމްބިއުލާންސް ގެނައުމަށް އެސްޓިއޯ އާ ގުޅިގެން ހިންގާ ޕްރޮގްރާމްގެ ދަށުން މިހާރު 14 އެމްބިއުލާންސް ގެނެސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ބާކީ ހުރި އެމްބިއުލާންސްތައް ވަރަށް އަވަހަށް ގެންނާނެ ކަަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަތޮޅު ތެރެއަށް ބޭނުންވާ ސިއްހީ މެޝިންތަކާއި އިކުއިޕްމެންޓްތައް ވެސް ވަރަށް އަވަހަށް ފޮނުވާނެ ކަަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީން ވިދާޅުވީ އިރުތިޝާމް މިނިސްޓަރު ކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ސިއްހީ ދާއިރާ އަށް ކުރިއެރުންތަކެއް އައިސްފައިވާ ކަމަށެވެ.
"ހަގީގަތުގައި ވެސް މި ފެނިގެންދަނީ ތަރައްގީއަށް ޓަކައި ސަރުކާރަކުން ރައްޔިތުންނަށް އިޚްލާސްތެރި މަސައްކަތްތަކެއް ކުރަމުންދާތަން،" މުބީން ވިދާޅުވި އެވެ.
ސިއްހީ މަރުކަޒުތަކުގެ މަސައްކަތް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ: ފަޔާޒް މޫސާ
ފާއިތުވެގެން ދިއަ މަދު ދުވަސްތަކެއް ތެރޭ ސަރުކާރުން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށް ވެސް މުބީން ވިދާޅުވި އެވެ.