23 Aug 2015, 12:42
ރޯމް (އޮގަސްޓް 23) : އެފްރިކާގެ ބައްރުން ފުރައިގެން މެޑިޓަރޭނިޔަން ކަނޑު ހުރަސްކޮށް ޔޫރަޕަށް އެތެރެވާން މަސައްކަތްކުރަމުން ގެންދާ 3000 އަށް ވުރެ ގިނަ މީހުން ޣަރަގު ވުމުން ސަލާމަތް ކުރުމުގެ ބޮޑު އޮޕަރޭޝަނެއް ހިންގަމުން ގެންދާ ކަމަށް އިޓަލީން ބުނެފި އެވެ.
އިޓަލީގެ ކޯސްޓް ގާޑުންބުނީ ކަނޑަށް ފެތުމުގެ ބިރު ހީވެފައިވާ 18 ބޯޓެއްގައި 3000 އަށް ވުރެ ގިނަމީހުން ޔޫރަޕާ ދިމާއަށް ދަތުރުކުރަމުންދާ ކަމަށާ އެ ބޯޓުތަކުން ސަލާމަތަށްއެދި ގޮވާލަމުންދާ ކަމުގަ އެވެ. އިޓަލީގެ ކޯސްޓް ގާޑުންބުނީ އެ 3000 މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަންގެ ހިންގުމުގައި ޔޫރަޕްގެ އެހެންގައުމުތަކުގެ ކޯސްޓް ގާޑުންނާ ވިލަރެސްކުރަމުން ގެންދާކަމުގަ އެވެ.
މި ބޯތުތައް މިހާރު ދަތުރުކުރަމުންދާ ހިސާބު ވައިގެ މަގުން ބަލަމުންގެންދާ ކަމަށް ވެސް އިޓަލީން ބުނެ އެވެ. މިއަހަރުގެ ޖަނަވަރީން ފެށިގެން މިހާތަނަށް 180،000 މީހުން މިފަދަ ބޯޓުތަކުގައި ސަލާމަތުން ޔޫރަޕަށް ހިޖްރަކޮށްފައިވާއިރު ތޭވީސްހާސް މީހުން ވަނީ އެމީހުން ދަތުރުކުރި ބޯޓުތައް މެޑިޓަރޭނިޔަން ކަނޑަށް ބަންޑުން ޖަހާލުމުގެ ސަބަބުން ޣަރަގުވެގެން މަރުވެފަ އެވެ.
އިންޓަނޭޝަނަލް މައިގްރޭޝަން އޮގަނައިޒޭޝަނުން ބުނާގޮތުން އެފްރިކާގެ ބައްރުން ފުރައިގެން ކުދި ބޯޓުތަކުގައި ޔޫރަޕަށް ދަތުރުކުރަނީ އެފްރިކާއާއި އޭޝިޔާގެ ގައުމުތަކުގެ މީހުންނެވެ. މީގެތެރެއިން 30 އިންސައްތަ މީހުންނަކީ ސޫރިޔާގެ ރައްޔިތުންނެވެ.
ޔޫރަޕްގެ ގައުމުތަކުގެ އާބާދީ 500 މިލިޔަނަށް ވުރެ މައްޗަށް އަރާއިރު އަހަރަކު ދޮޅު ލައްކައެއްހާ ބޭރު މީހުން ވިލާތަށް ހިޖްރަކުރުމަކީ ޔޫރަޕަށް އާބާދީގެ މައްސަލައެއް ކުރިމަތިވާވަރުގެ ކަމެއްނޫންކަމަށް އިންޓަނޭޝަނަލް މައިގްރޭޝަން އޮގަނައިޒޭޝަނުން ބުނެ އެވެ. އޮގަނައިޒޭޝަނުން ބުނަނީ އެފްރިކާއާއި އޭޝިޔާގެ ގައުމުތަކުން ޔޫރަޕަށް ހިޖްރަކުރަނީ އިންސާނީ ޚާއްސަ ހާލަތްތަކެއް ކުރިމަތިވާމީހުންކަމަށާ އެމީހުން ޔޫރަޕަށް ދިޔުމަށް ދަތުރުކުރާ ބޯޓުތައް ކަނޑަށް ޣަރަގުވެ އެތައްސަތޭކަ ބަޔަކު މަރުވަމުންދާއިރު މިއީ ހައްލުކުރަންޖެހިފައިވާ އިންސާނީ ކާރިސާއެއް ކަމުގަ އެވެ.
ޔޫރަޕަށް ގަވައިދާ ޚިލާފަށް ހިޖްރަކުރާ މީހުން އެންމެ ގިނައިން ބަލައިގަންނަނީ އިޓަލީއާއި ގްރީސް އިންނެވެ. މީގެ ތެރެއިން ގްރީސްއަކީ ދަރަނި ބޮޑުވުމުގެ ސަބަބުން އިގްތިސާދު އިނދަޖެހިފައިވާ ހިސާބަށް ގޮސްފައިވާ ގައުމެކެވެ. ޔޫރަޕަށް ގަވައިދާ ޚިލާފަށް ހިޖްރަކުރާ މީހުންގެ ތެރޭގައި އެންމެ ގިނައީ ދާޚިލީ ހަނގުރާމައިގެ ސަބަބުން ވީރާނާވެފައިވާ ސޫރިޔާގެ ބިކަ ހާލުގައިޖެހިފައިވާ ރައްޔިތުންނެވެ. ދެން އަފްޣާނިސްތާނާއި ނައިޖީރިޔާއާއި ސޮމާލިޔާއާއި އެރިޓްރިޔާފަދަ ގައުމުތަކުގެ މީހުންނެވެ. (ނޫސްއެޖެންސީތައް)