ހަނދު މިހާރުދަނީ ދުނިޔެއާ ކޮންމެވެސް ވަރަކަށް ކައިރިވަމުންކަމަށް ބުނާ ރިޕޯޓްތައް ތިޔަ ބޭފުޅުންވާނީ އައްސަވާފައެވެ. މިއީ ދުނިޔެ ވަށައިގެން ހަނދު ދައުރުކުރާއިރު އެކި ދުވަސްވަރަށް ދިމާވަމުންދާ އާދައިގެ ޙާލަތެކެވެ.

މިހާރުވެސް މިދަނީ މިފަދަ ޙާލަތެއް ކުރިމަތި ވަމުންނެވެ. މިގޮތުން މި ހިނގާ މާރޗް މަހުގެ 19 ވާ ހޮނިހިރު ދުވަހާ ހަމައަށް ހަނދުދާނީ ބިމާ ކައިރިވަމުންނެވެ. އެއަށްފަހު އަނެއްކާވެސް ބިމާ ދުރަށްޖެހެން ފަށާނެއެވެ.

މިމަހުގެ 19 ވަނަ ދުވަހު ދުނިޔެއާ އެންމެ ގާތަށް ހަނދު އަންނައިރު ދުނިޔެއާ ހަނދާ ދެމެދު ހުންނާނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކާ މިންވަރަކީ ގާތްގަނޑަކަށް 3 ލައްކަ ފަންސާސް ހަތްހާސް ކިލޯމީޓަރެވެ. މިއީ ދުނިޔެއާއި ހަނދާ ދެމެދު އާންމުކޮށް ހުންނަ ދުރުމިނަށްވުރެ ގާތްގަނޑަކަސް 27 ހާސް ކިލޯމީޓަރު ކައިރި މިންވަރެކެވެ.

އާންމުކޮށް ދުނިޔެއާ ހަނދާ ދެމެދު ހުންނަކަމަށްވަނީ ގާތްގަނޑަކަށް 3 ލައްކަ އަށްޑިހަ ހަތަރުހާސް ކިލޯމީޓަރެވެ. އެހެންކަމުން މި މަހުގެ ހަނދު ފުރިހަމަވާ ހިސާބަށްދާއިރު ކުރިން ހަނދު ފެންނަވަރަށްވުރެ ތަންކޮޅެއް ބޮޑުކޮށް ހަނދުފެންނާނެކަމީ ޙަޤީޤަތެކެވެ.

ހަނދު ދުނިޔެއާ ގާތްވުމާއި ދުނިޔެއަށް ކާރިޘާތައް އައުމާ ގުޅުންވާކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. ނަމަވެސް ހަނދާބެހޭ ދިރާސާތައްކުރާ އިސްލާމީ ޕްރޮޖެކްޓްގެ ނައިބު ރައީސް ޕްރޮފެސަރ ނިޟާލް ޤައްސޫމް ވިދާޅުވަނީ މިފަދަ ރިޕޯޓްތަކަކީ ޙަޤީޤަތެއް ނޫންކަމުގައެވެ.

ޕްރޮފެސަރ ނިޟާލް އަކީ ޔުނައިޓެޑް އަރަބް އިމަރޭޓްސް (ޔޫ.އޭ.އީ) ގެ ޝާރިޤާ ޔުނިވަރސިޓީގައި ފަލަކާއި ފިޒިކްސް ކިޔަވައިދެއްވާ ޕްރޮފެސަރެކެވެ. އޭނާ ވިދާޅުވިގޮތުގައި މިދިޔަ ހުކުރު ދުވަހު ޖަޕާނަށް އައި ބާރުގަދަ ބިންހެލުމާ އަދި އެއާގުޅިގެން އުފެދުނު ސުނާމީ ބޮޑުރާޅުތަކަކީ ހަނދު ދުނިޔެއާ ގާތަށްޖެހެމުންދާ ދިޔުމާ އެއްވެސް ވަރަކަށް ގުޅުންހުރި ކަމެއްނޫނެވެ.

އަދި މިދެކަންގުޅުވައިގެން ދެކެވޭ ވާހަކަ ތަކަކީ ޢިލްމީ އަސާސްތަކެއްގެ މައްޗަށް ބިނާކުރެވިގެން ދެކެވޭ ވާހަކަތަކެއް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ. ޕްރޮފެސަރ ނިޟާލް ދެކެވަޑައިގަންނަވާ ގޮތުގައި މިފަދަ ވާހަކަތައް ބައެއް ފަރާތްތަކުން ދައްކަނީ ދިޔަވަރު ބޮޑުވުމާއި ދިޔަވަރު ހިކުމަކީ ހަނދު ބިމަށްދަމާ ބާރު (ޖާޒުބިއްޔަތާ) ގުޅުންހުރި ކަމަކަށްވާތީއެވެ.

ދިޔަވަރު ބޮޑުވުމާއި ދިޔަވަރު ހިކުމަކީ ހަނދު ބިމަށްދަމާބާރު (ޖާޒުބިއްޔަތާ) ގުޅުންހުންނަކަމެކެވެ. މިއީ ޙަޤީޤަތެކެވެ. ނަމަވެސް ދިޔަވަރު ބޮޑުވުމާއި ދިޔަވަރު ހިކުމަކީ ކޮންމެވެސް ވަރަކަށް އިރާ ވެސް ގުޅިފައިވާ ފެނޯމެނަންއެކެވެ.

މޫދުގެ ލޮނުގަނޑު އެންމެ ބޮޑަށް އުފުލެނީ ކޮންމެ ހަނދުމަހެއްގެވެސް ހަނދު އެންމެ ބޮޑުވާ ދުވަސްވަރު ހަނދާއި އިރު ސީދާކޮށް ލައިންވާގޮތަށް ދިމާވާ ވަގުތުތަކުގައެވެ. މިގޮތަށް ލޮނުގަނޑު އުފުލޭއިރުވެސް އެންމެ މައްޗަށް އުފުލެނީ އެވްރެޖްގޮތެއްގައި ބައި މީޓަރަށެވެ.

ނަމަވެސް ބިންހެލުމާއި ސުނާމީ ބޮޑު ރާޅު އުފެދުމާ މިކަމާއެއްވެސް ގުޅުމެއްނެތެވެ. މިބާވަތުގެ ވާހަކަތައް ފަތުރަނީ ނަކަތްތެރިންފަދަ ޢިލްމީ ޙަޤީޤަތްތައް ނޭންގޭ މީހުން ކަމަށްވެސް ޕްރޮފެސަރ ނިޟާލް ވިދާޅުވިއެވެ. -- ޤުދްސު ޕްރެސް