ރާމަﷲ (އޮގަސްޓް 23) : ޕެލަސްޓައިން ލިބަރޭޝަން އޮގަނައިޒޭޝަން (ޕީއެލްއޯގެ ލީޑަރު ކަމުގެ މަގާމުން ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އިސްތިއުފާ ދެއްވައިފި އެވެ.


އައްބާސް ހުންނެވީ ޕީއެލްއޯގެ އެގްޒެކެޓިވް ކޮމިޓީގެ ލީޑަރު ކަމުގެ މަގާމުގަ އެވެ. އައްބާސް ޕީއެލްއޯގެ އެގްޒެކެޓިވް ކޮމިޓީގެ ލީޑަރު ކަމުގެ އިތުރުން އެކޮމިޓީގެ މެންބަރުކަމުން ވެސް އިސްތިއުފާ ދެއްވިކަން ފަލަސްތީނުގެ އިސް މަސްއޫލުވެރިއެއްކަމަށްވާ ބައްސާމް އައްޝަކްޢާ ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ. އައްބާސްގެ އިތުރުން ޕީއެލްއޯގެ އެގްޒެކެޓިވް ކޮމިޓީގައި ތިއްބެވި އިތުރު 9 ބޭފުޅުން ވެސް އެކޮމިޓީގެ މެންބަރުކަމުން އިއްޔެވަނީ އިސްތިއުފާ ދެއްވާފަ އެވެ. މީގެތެރޭގައި ފަލަސްތީނުގެ ކުރީގެ ޚާރިޖީ ކަންތައްތަކާބެހޭ ވެރިޔާ ފާރޫގް އަލްގައްދޫމީ އާއި ޕާލަމެންޓް މެންބަރު ޑރ. ހަނާން ޢަޝްރާވީ އާއި ސުލްހައިގެ އިސް ނެގޯސިއޭޓަރު ޑރ. ސާއިބް އުރައިގާތު ފަދަ އުމުރުން ދުވަސްވީ ސީނިއަރ ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ.

ބައްސާމް އައްޝަކްޢާ ވިދާޅުވި ގޮތުގައި ރައީސް އައްބާސްއާއި އިތުރު 9 މެންބަރުން ޕީއެލްއޯގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމުން އިސްތިއުފާ ދެއްވީ ޒުވާން ބޭފުޅުން އެކޮމިޓީއިން ޖާގަދިނުމުގެ ގޮތުންނެވެ. އައްބާސް ޕީއެލްއޯގެ ވެރިއަކަށް ވެވަޑައިގަތީ 2004 ވަނަ އަހަރު ފަލަސްތީނުގެ ކުރީގެ ރައީސް އަދި ޕީއެލްއޯގެ ފައުންޑަރު ޔާސިރު އަރަފާތު އަވަހާރަވުމާ ގުޅިގެންނެވެ. އޭގެ ކުރިން އެޖަމާއަތް އުފެދުމާއެކު ވެސް އައްބާސްއަކީ ޕީއެލްއޯގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރެކެވެ.
އައްބާސް މުސްކުޅިފުޅުވުމުގެ އިތުރުން އާލާސްކަންފުޅާ އުޅުއްވަންޖެހިވަޑައިގެންފައިވާއިރު ފަލަސްތީނުގެ ވެރިކަމުގެ އިދާރާގެ ރައީސަކަށް ދެންވަޑައިގަންނަވާ ބޭފުޅެއް ވަނީ ނޭނގުމެއްގެ ތެރޭގަ އެވެ. (އަލްޖަޒީރާ)