23 Aug 2015, 09:21
މިނިވަން 50 ފާހަގަކުރުމުގެ ގޮތުންނާއި ރާއްޖެ އާއި އިންޑިއާއާ މެދު އޮންނަ ބައިނަލް އަގުވާމީ ގުޅުމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން 'ޓޭސްޓް އޮފް އިންޑިއާ' ފެސްޓިވަލް ރޭ ފަށައިފި އެވެ.
ތަފާތު އެކި އިވެންޓްތަކުގެ މައްޗަށް އެކުލެވޭ އިންޑިއަން ފުޑް ފެސްޓިވަލް ރޭ ބާއްވާފައި ވަނީ ފެކަލްޓީ އޮފް ހޮސްޕިޓަލް އެންޑް ޓޫރިޒަމް ސުޓަޑީޒުގަ އެވެ. މި ފަރިއްކޮޅު ޝަރަފުވެރިކޮށްދެއްވީ ގައުމީ ޔުނިވާސިޓީގެ ޗާންސްލާ ޑރ. މުހައްމަދު ލަތީފެވެ. އެ ފަރިއްކޮޅުގައި ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ އިންޑިއާ ސަފީރު ރަޖީވް ޝަހާރޭ ބައިވެރިވެވަޑައިގެންނެވި އެވެ.

'ޓޭސްޓް އޮފް އިންޑިއާ' ފުޑް ފެސްޓިވަލްގެ ތެރެއިން -- ސަން ފޮޓޯ: ޔޫސުފް ސޮފްވާން
އިންޑިއާ ކާނާގެ ފަރިއްކޮޅު ތައްޔާރުކުރުމުގައި އެއްމެ އިސްކޮށް ހަރަކާތްތެރިވި ރެސިޑެންސީ ގްރޫޕް އޮފް ހޮޓެލްސްގެ ކޯޕަރޭޓް ޝެފް މޮނޯހަރު ވިދާޅުވީ އިންޑިއާ ކާނާ އަކީ ދުނިޔެއަށް މައްޝޫރު އެއްޗެއް ކަަމަށާއި އިންޑިއާ ކާނާ ރާއްޖޭގައި ވެސް ޕްރޮމޯޓްކުރަން ބޭނުންވާ ކަމަށެވެ.
"ރާއްޖޭގެ ކާނާ އާއި އިންޑިއާ ކެއުމާއި އެބަހުރި އެއްގޮތް ކަންތައްތަކެއް އެބަހުރި. މިސާލަކަށް ކުކުޅު ރިހަ. މަސްރިހަ ކަހަލަ ބާވަތްތައް،" ކުރިން ރާއްޖޭގެ ރިސޯޓެއްގައި މަސައްކަތްކޮށްފައިވާ ޝެފް ވިދާޅުވި އެވެ. އަދި ރާއްޖޭ އާއި އިންޑިއާގެ ފޮނި ކާނާގައި ވެސް އެއްގޮތްކަންތައްތައް އެބަހުރި ކަމަށް ޝެފް ވިދާޅުވި އެވެ.

'ޓޭސްޓް އޮފް އިންޑިއާ' ފުޑް ފެސްޓިވަލްގެ އެއްމެ އިސް ޝެފް މޮނޯހަރު -- ސަން ފޮޓޯ: ޔޫސުފް ސޮފްވާން
އިންޑިއަން ފުޑް ފެސްޓިވަލް ބާއްވަމުން މިދަނީ އިންޑިއާ ހައިކޮމިޝަނާއި ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫއަރިޒަމްއާއި ހޮޓެލް ޖެން ގުޅިގެންނެވެ.

'ޓޭސްޓް އޮފް އިންޑިއާ' ފުޑް ފެސްޓިވަލްގެ ތެރެއިން -- ސަން ފޮޓޯ ޔޫސުފް ސޮފްވާން
ރޭ ބޭއްވި ފަރިއްކޮޅުގައި ރާއްޖޭގައި ވަޒީފާ އަދާކުރާ ބައެއް މީހުނާއި ބައެއް ދިވެހިން ބައިވެރިވި އެވެ.