ސީރިއާގައި ހަނގުރާމަ ކުރަން ދިޔަ ދިވެއްސަކު މަރުވެއްޖެ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ސީރިއާ ހަނގުރާމައަށް ގޮސް އުޅެނިކޮށް މަރުވެފައި ވަނީ އައްޑޫ ސިޓީ މަރަދޫ ގްލާބީގޭ އަލީ ވިފާގު،23، އެވެ. ސަން އަށް އެނގިފައިވާ ގޮތުގައި އޭނާ މަރުވެފައި ވަނީ ބޮމުގެ ހަމަލާއެއްގަ އެވެ.

އޭނާ ސީރިއާއަށް ދިޔައީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައިކަން ސަން އަށް ވަނީ އެނގިފަ އެވެ. އަދި އޭނާ ވަނީ ހަނގުރާމަ ކުރުމުގެ ޓްރޭނިން ވެސް ފުރިހަމަ ކޮށްފަ އެވެ.

ސީރިއާ ހަނގުރާމާގައި މީގެކުރިން ވެސް ބައެއް ދިވެހީން ވަނީ މަރުވެފަ އެވެ. ހަނގުރާމަ ކުރުމަށް ރާއްޖެއިން ބޭރަށް ދިޔުން ހުއްޓުވުމަށް ސަރުކާރުން އަންނަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ.

އެގޮތުން ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ޓެރަރިޒަމް މަނާކުރުމުގެ ބިލްގައި، ހަނގުރާމައަށް ރާއްޖެއިން ބޭރަށްދާ ފަރާތްތަކުގެ މައްޗަށް ޖިނާއީ ދައުވާ ކުރެވޭނެ މަގު ވަނީ ތަނަވަސްކޮށްދީފައެވެ.