14 Mar 2011, 12:54
ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ 500 މިލިއަން ރުފިޔާގެ ބޯޑާ ކޮންޓްރޯލް ސިސްޓަމް ޕްރޮޖެކްޓް ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުކޮށްފައިވާ ކަމަށް ބުނެ އެ ޕްރޮޖެކްޓް އެންޓި ކޮރަޕްޝަން ކޮމިޝަން )އޭސީސީ( އިން ހުއްޓާލަން އެންގީ ޖެނުއަރީ 24، 2011 ގަ އެވެ. އަދި ރައީސް އޮފީހުގެ އެންގެވުމުގެ މަތިން އިމިގްރޭޝަނުން އެންމެފަހުން އެ ޕްރޮޖެކްޓް ހުއްޓާލައި، އެކަން ރަސްމީކޮށް އިއުލާންކުރީ އޭގެ ދެދުވަސް ފަހުންނެވެ.
ނަމަވެސް، އާ ބޯޑާ ސިސްޓަމް ގާއިމްކުރުމުގެ މަސައްކަތް ކުރިއަށްނުގެންގޮސް ހުއްޓާލައިފައިވާއިރު، އެ ޕްރޮޖެކްޓް ހިންގުމަށް ހަވާލުކޮށްފައިވާ މެލޭޝިޔާގެ ނެކްސްބިޒް ކުންފުންޏާއެކު އޮކްޓޯބަރު 16، 2010 ގައި ސޮއިކޮށްފައިވާ އެގްރިމެންޓް ބާތިލުކޮށްފައި ނުވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
"އެ ޕްރޮޖެކްޓް ކުރިއަކަށްވެސް ނުދޭ. އަޅުގަނޑުމެން ބާތިލެއް ވެސް ނުކުރަން" ބޯޑާ ކޮންޓްރޯލް ޕްރޮޖެކްޓް ހުއްޓާލިފަހުން އިމިގްރޭޝަނާ ހަވާލުވެވަޑައިގެންނެވި ސްޓޭޓް މިނިސްޓާ އަބްދުﷲ ޝާހިދު ވިދާޅުވި އެވެ.
އާ ކޮންޓްރޯލާ ވިދާޅުވީ، ނެކްސްބިޒްއާއެކު ހަދައިފައިވާ އެގްރިމެންޓް ބާތިލުނުކޮށް ކުރިއަށްގެންދަވަނީ އެ ޕްރޮޖެކްޓާ ގުޅޭ "ޓެކްނިކަލް އިވެލުއޭޝަން" އެއް ކުރިއަށްދާތީ ކަމަށެވެ. ނަމަވެސް އޭގެ ތަފްސީލެއް ނުދެއްވަ އެވެ.
ޝާހިދު ވިދާޅުވީ، އެ ޕްރޮޖެކްޓާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީއާއި ބަންޑާރަ ނައިބު އޮފީހުގެ ލަފާވެސް ހޯދަމުން އަންނަ ކަމަށެވެ. އަދި ވަރަށް އަވަހަށް އެކަމުގެ ގޮތެއް ނިންމަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ނެކްސްބިޒްއާއެކު ސޮއިކޮށްފައިވާ އެ ބޯޑާ ޕްރޮޖެކްޓް ވަކިކޮޅެއްގައި ނުޖެހި ދިގުދެމިގެންދާއިރު، އެކުންފުނިން ވަނީ އޭސީސީން ކޮރަޕްޝަނުގެ ތުހުމަތުގައި އެ ޕްރޮޖެކްޓް ހުއްޓުވި މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމުގެ އިންޒާރުދީފަ އެވެ.
އެކުންފުނިން ބުނެފައިވަނީ، އެ ޕްރޮޖެކްޓުގެ އެގްރިމަންޓާއި ބިޑްގެ އެންމެ ފަހުގެ އިވެލުއޭޝަންތައް ވެސް ކުރިއަށް ދިޔައީ ފިނޭންސް މިނިސްޓްރީއާއި އެޓާނީ ޖެނެރަލްގެ ބެލުމުގެ ދަށުން ކަމަށެވެ. އަދި އެ ކުންފުންޏާ މެދު ކުރެވުނު ކޮރަޕްޝަންގެ ތުހުމަތު ތަކުގެ ސަބަބުން އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ވަކިވަކި ފަރާތްތަކާއި މުއައްސަސާތަކާއި ދެކޮޅަށް ދައުވާކުރުމަށް މިހާރު ހެކިލިބިފައި ވާކަމަށް ވެސް ބަޔާނުގައި ވެއެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެ ޕްރޮޖެކްޓް ހުއްޓާލިތާ ކުޑަދުވަސްކޮޅެއްފަހުން ނެކްސްބިޒްގެ ވަފުދެއް ވަނީ މާލެ އައިސްފަ އެވެ. އަދި އޭސީސީގެ ނިންމުމާމެދު ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
އިމިގްރޭޝަންގެ އޮފިޝަލަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވީ، ނެކްސްޒިބްއާއެކު ހަދައިފައިވާ އެގްރިމެންޓް ސަރުކާރުން ބާތިލުކޮށްފިނަމަ، އެކަމުގެ ބަދަލު ހޯދުމަށް ނެކްސްބިޒްއިން މަސައްކަތްކުރާނެ ވާހަކަ އެކުންފުނިން ބުނެފައިވާ ކަމަށެވެ. އަދި ސަރުކާރުން ޕްރޮޖެކްޓް ބާތިލްކޮށްފައިނުވަނީ އެ ސަބަބާ ހުރެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޕްރޮޖެކްޓް ބާތިލުކޮށްފިއްޔާ ވަރަށް ބޮޑު އަގެއް ދައްކަންޖެހިދާނެތީ އަސްލު ބާތިލުނުކޮށްގެން އުޅެނީ." އިމިގްރޭޝަންގެ އޮފިޝަލަކު ވިދާޅުވި އެވެ.
ނަމަވެސް، ޝާހިދު އެކަން ދޮގުކުރެއްވި އެވެ. އޭނާ ވިދާޅުވީ، ސަރުކާރުން ބޮޑު އަގެއް ދައްކަން ޖެހޭނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
މި ޕްރޮޖެކްޓާ ގުޅޭ ގޮތުން އޭސީސީގެ ރައީސް އިބްރާހިމް ލުތުފީ މިއަދު ވިދާޅުވީ، ޕްރޮޖެކްޓް ބާތިލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި އެކަމާ ގުޅޭ ގޮތުން ކަމާބެހޭ މުއައްސަސާތަކާއެކު މިހާރުވެސް މަޝްވަރާކުރަމުންދާ ކަމަށެވެ.
އިމިގްރޭޝަންގެ ބޯޑާ ކޮންޓްރޯލް މައްސަލައަކީ މިއަހަރު ފެންމަތިވި އެންމެ ހޫނު މައްސަލަ އެވެ. ބޯޑާ ކޮންޓްރޯލް ޕްރޮޖެކްޓުގެ ދިފާއުގައި އެންމެ ބޮޑަށް ވާހަކަދެއްކެވި އޭރުގެ އިމިގްރޭޝަން ކޮންޓްރޯލާ އިލްޔާސް ހުސެއިން އިބްރާހިމް ވަނީ މިހާރު އެމަގާމުން ވަކިކުރައްވައި، ޑިޒާސްޓާ ސެންޓަރަށް ދާދިފަހުން ބަދަލުކުރައްވައިފަ އެވެ.
ބޯޑާ ކޮންޓްރޯލް ޕްރޮޖެކްޓް ހުއްޓާލި ކަމަށް އިމިގްރޭޝަނުން ބުނިތާ ދޮޅުމަހެއްހާ ދުވަސް ވޭތުވެގެންދާއިރު، ނެކްސްޒިބްއާއެކު ސޮއިކޮށްފައިވާ އެގްރިމެންޓް ބާތިލުނުކުރާތީ، އެ ޕްރޮޖެކްޓުގެ ކުރިމަގު އަދިވެސް އޮތީ ސުވާލުމާކެއްގެ ތެރޭގަ އެވެ.