ހުޅުމާލޭ ގެސްޓްހައުސް އަކުން ވަގަށްނެގި ތިޖޫރީ އާއި އޭގައި ހުރި ހުރިހާ ފައިސާ ހޯދައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ ދިވެހި ތިން ފިރިހެނުން ކަމަށެވެ.

ހުޅުމާލޭ ގެސްޓްހައުސް އެއްގައި ހުރި ތިޖޫރީއެއް ވަގަށްނެގިކަން ހުޅުމާލޭ ޕޮލިސް އަށް ހުށަހެޅުނީ މިއަދު 1:30 އެހާކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ.

އެވަގުތުން ފެށިގެން ހުޅުމާލޭގައި މަސައްކަތްކުރާ ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި މިއަދު 2:30 ގައި ތުހުމަތު ކުރެވޭ ތިން މީހުން ވަނީ ހައްޔަރުކޮށްފައެވެ.

"ފުލުހުންނަށް ލިބުނު މައުލޫމާތާއެކު އެ ތިން މީހުން ހައްޔަރު ކުރުމަށްފަހު އެމީހުންނާ ސުވާލުކޮށް އެމީހުންގެ ފުށުން އެއްވެސް މައުލޫމާތެ ނުލިބުމުން ރަށުގެ އެކި ސަރަޙައްދުތައް ބަލައި ފާސްކުރުމުގެ މަސައްކަތް ފުލުހުން ދިޔައީ ކުރަމުން،" ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ތިޖޫރީ ހޯދަން ފުލުހުން ކުރި މަސައްކަތުން ތިޖޫރީ ފެނިފައިވަނީ ހުޅުމާލޭގެ ސަރަހައްދެއްގެ ގަސްގަނޑުތެރޭގައި ވަޅުލާފައި ވަނިކޮށް މިއަދު ހަވީރު 5:15 އެހާކަންހާއިރު ކަމަށެވެ. ތިޖޫރީގައި ހުރިކަމަށް ގެސްޓް ހައުސްގެ ވެރިފަރާތުން ބުނާ ފައިސާ ހަމައަށް ހުރި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ހުޅުމާލޭ ޕޮލިސްޓޭޝަނުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.