ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކާއި ބިޔަރު ދަޅުގެ އިތުރުން މަސްތުވާތަކެތީގެ ގޮތުގައި ފުލުހުން ހިފަހައްޓާފައި ހުރި ގިނައަދަދެއްގެ ސާމާނު މިއަދު ނައްތާލައިފި އެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 1071 ފުޅި ބަނގުރަލާއި 602 ދެ ދަޅު ބިޔަރާއި ބަނގުރާ ހުރި ދެ ރީނދޫ ހަމުގެ އިތުރުން މަސްތުވުމަށް ބޭނުންކުރާ 37 އާލާތެއް މިއަދު ވަނީ ނައްތާލާފަ އެވެ.

ދޫނިދޫގައި މިއަދު ބަނގުރާ ނައްތާލުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ ކޮމިޓީއެއްގެ ބެލުމުގެ ދަށުންނެވެ. އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ ވަކީލަކާއި އެޓާނީ ޖެނެރަލް އޮފީހުގެ ވަކީލަކާއި މިނިވަން މުއައްސަސާތަކުން ދެ ފަރާތާއި ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދެވެ.

ދޫނިދޫގައި މިއަދު ބަނގުރާ ނައްތާލުމުގެ މަސައްކަތް ކުރިއަށް ދަނީ -- ސަން ފޮޓޯ -- ފާތިމަތު ސައީދު

މީގެ ތިން މަސް ކުރިން މިއަހަރުގެ މޭ މަހުގެތެރޭގައިވެސް ފުލުހުން ވަނީ މަގުމަތީ އަގު ހަތަރު މިލިއަން ރުފިޔާގެ ބަނގުރާ ނައްތާލާފަ އެވެ. އޭރު ފުލުހުން ބުނެފައިވަނީ ކޮންމެ ހޮނިހިރު ދުވަހަކު ބަނގުރާ ނައްތާލުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް 'ސަން' އަށް ވިދާޅުވީ ކުރިން ބުނި ފަދައިން ކޮންމެ ހޮނިހިރުދުވަހެއްގައި ބަނގުރާ ނައްތާލުމުގެ ކަން ކަން ކުރިއަށް ނުގެންދެވި ވަނީ ގިނަ ސަބަބުތަކަކާއި ހުރެ ކަމަށެވެ. އެގޮތުން މޫސުން ގޯސްވުމާއި ކޮމިޓީގެ މެންބަރުން ހަމަ ނުވުން ފަދަ ކަންކަން ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.