ޗައިނާގެ ބޭޖިންގައި މިހާރު ކުރިއަށްދާ ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި 100 މީޓަރު ދުވުމުގެ ހީޓް އިވެންޓްގައި ދުނިޔޭގެ އެންމެ ބާރު ދުވުންތެރިނާ ވާދަކޮށް ރާއްޖޭގެ ހަސަން ސާއިދު ސެމީ ފައިނަލަށް ނުދެވުނު ނަމަވެސް ގައުމީ ރެކޯޑް އާކޮށްފިއެވެ.

ސާއިދު ގައުމީ ރެކޯޑް އާ ކުރީ އޭޝިއަން ގޭމްސްއާއި އޭޝިއަން ޗެމްޕިއަންޝިޕްގައި އޭނަ ހެދި 10.50 ސިކުތުންތު މުގުރާލުމެވެ. މިއަދު ރޭސް ސާއިދު ނިންމާފައިވަނީ 0.08 ސިކުންތައްވުރެ އަވަހަށް 10.42 ސިކުންތުންނެވެ.

މިއަދު ހަވިރު ބޭއްވި ހީޓް އިވެންޓުތަކުން ހީޓް ހަތެއްގައި ދުނިޔޭގެ އެންމެ ބާރު ދުވުންތެރިންގެ ތެރޭގައި ހިމެނޭ ބޯލްޓާއި އެމެރިކާގެ މައިކް ރޮޖާސްއާއި ވާދަކޮށް ސާއިދުއަށް ލިބިފައިވަނީ ހަތް ވަނައެވެ.

ބޯލްޓް ރޭސް ނިންމާފައިވަނީ 9.96 ސިކުންތުންނެވެ. މައިކް ރޮޖާސް ރޭސް ނިންމާފައިވަނީ 9.97 ސިކުންތުނެވެ.

ހީޓް އިވެންޓް ތަކުން އެންމެ އަވަހަށް ރޭސް ނިންމާފައިވަނީ އެމެރިކާގެ ޖަސްޓިން ގަތްލިންއެވެ. އޭނާ ރޭސް ނިންމާފައިވަނީ 9.83 ސިކުންތުންނެވެ.