22 Aug 2015, 17:01
ވޮޝިންޓަން (އޮގަސްޓް 22) : ދުނިޔެއާއި ދުނިޔޭގައި ވާހާ އެއްޗެއް ފަނާވެގެންދާނެކަން ސައެންސްގެ ހެކިތައް ކަށަވަރުކޮށްދޭ ކަމަށާ ނަމަވެސް ދުނިޔެއާ ދިމާއަށް ދަތުކުރާ ދުންތަރިއެއް (ކޮމެޓެއް) އަންނަ ސެޕްޓެމްބަރު މަހު ދުނިޔޭގައިޖެހިގެން ދުނިޔެ ހަލާކުވުމުގެ ފުރްސަތު އަދިނެތްކަމަށް އެމެރިކާގެ ޖައްވީ އިދާރާ "ނާސާ" އިން ބުނެފި އެވެ.
ނާސާއިން ނެރުނު ބަޔާނެއްބުނާގޮތުން ކައުނުގައި ދަތުރުކުރާ ދުންތަރިއެއް ނޫނީ އެސްޓްރޮއިޑެއް ދުނިޔޭގެ ސަތަހުގައި ޖެހި ދުނިޔެ ހަލާކުވުމުގެ ފުރްސަތު ކުރިޔަށްއޮތް 100 ވަރަކަށް އަހަރުތެރޭގައި އޮތީ އެންމެ 0.01 އިންސައްތައިގަ އެވެ. ނާސާގެ ބަޔާންބުނާ ގޮތުން ކައުނުގައި ދަތުރުކުރާ ދުންތަރިތަކާއި އެސްޓްރޮއިޑްތައް ދުނިޔޭގައިޖެހި މުޑިއެރުމުގެ ފުރްސަތުތަކަކީ އަދި ފެންނަ ގޮތުން ވަރަށް ކުޑަ އަދި ހަނި ފުރްސަތު ތަކެކެވެ. ނަމަވެސް ކުރިޔަށްއޮތް ހާހެއްހާ އަހަރު ތެރޭގައި މިހާލަތު ބަދަލުވެދާނެ ކަމާއި އެފަދަ އެއްޗެއް ކޮންމެވެސް ޒަމާނެއްގައި ދުނިޔޭގައި ޖެހިގެން ދުނިޔެ ހަލާކުވެދިޔުމުގެ ފުރްސަތުތަކަކީ ނެތް ފުރްސަތެއްނޫނެވެ.

ދުންތަރިއާއި އެސްޓްރޮއިޑް ފަދަ ފަޒާގެ ޖިސްމުތަކާބެހޭ ނާސާގެ ޑިޕާޓްމަންޓްގެ ވެރިޔާ ޕޯލް ޗޫޑެސް ވިދާޅުވި ގޮތުގައި އަންނަ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހާއި އެމަހުގެ 28 ވަނަ ދުވަހާ ދެމެދުގެ ވަގުތެއްގައި ދުނިޔޭގެ ސަތަހުގައި ދުންތަރިއެއް ޖެހި މުޑިއަރާނެކަމަށް ލަފާކޮށް އިންޓަނެޓްގައި ޝާއިޢުކުރެވޭ ޚަބަރުތަކާއި މައުލޫމާތުތަކީ އިލްމީ ސައްޙަ އަސާސެއްގެ މައްޗަށް ބިނާވެފައިވާ މައުލޫމާތެއްނޫނެވެ. އިންޓަނެޓްގައި ޝާއިޢުކުރެވެމުންދާ ބައެއް ޚަބަރުތަކާއި މައުލޫމާތުތައް ބުނާގޮތުން ވަރަށް ނުރައްކާތެރި ދުންތަރިއެއް ދުނިޔެއާ ދިމާއަށް ދަނީ ދަތުރުކުރަމުންނެވެ.

މިދުންތަރި އެޓްލާންޓިކް ކަނޑުގެ ހުޅަނގު އުތުރު އައްސޭރީއާއި އެމެރިކާގެ ޕްރޮޓޮރީކޯ އާއި މެކްސިކޯ އާއި މެދުތެރޭ އެމެރިކާއާއި ދެކުނު އެމެރިކާ ސަރަހައްދުގައި ޖެހި މުޑިއަރައި އެސަރަހައްދުތައް މުޅިން ފަނާވުން އެކަށީގެންވެއެވެ. އަދި އޭގެ ސަބަބުން ދުނިޔޭގެ އެހެން ބައެއް ސަރަހައްދުތަކަށްވެސް ބޮޑު ރާޅުތައް އަރައި އެތަށް ސަރަހައްދުތަކެއް ހަލާކުވުމުގެ ފުރްސަތު އޮންނާނެއެވެ. (ދަ ގާޑިޔަން)