ވޯލްޑްކަޕް ކޮލިފައިނެގެ ގްރޫޕް ސީގައި ރާއްޖެއާ ޗައިނާ ބައްދަލު ކުރާ ދެ މެޗު ވެސް ޗައިނާގައި ކުޅޭ ގޮތަށް ހަމަޖެހުމާ އެކު ހޯމްގައި މެޗް ކުޅުމުގެ ފުރުސަތު ރާއްޖެއަށް ގެއްލިއްޖެ އެވެ.

އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ބައްސާމް ޢަދީލް ޖަލީލް ސަންއަށް ވިދާޅުވީ މަސައްކަތް ކުރީ މިއަންނަ މަހުގެ އަށް ވަނަ ދުވަހު ޗައިނާއާ ދެކޮޅަށް ކުޅޭ މެޗް އަވޭ މެޗްގެ ގޮތުގައި ޗައިނާގައި ކުޅެ އަންނަ އަހަރު މާޗް މަހު 24 ވަނަ ދުވަހު ކުޅޭ މެޗް ރާއްޖޭގައި ކުޅުމަށް ކަމަށާއި ނަމަވެސް އޮގޮތަށް ނުވީ ޗައިނާގައި ކުޅެން އޮތް މެޗްގެ މީޑިއާ ރައިޓްސް ޗައިނާގެ މީީޑިއާ ކުންފުންޏަކަށް ވިއްކާލަފައިވުމުން ކަމަށެވެ.

އެހެންކަމުން އަންނަ މަހު ކުޅޭ މެޗު ޗައިނާގައި ކުޅޭނީ ރާއްޖޭގެ ހޯމް މެޗްގެ ގޮތުގަ އެވެ.

އެފްއޭއެމް އިން ކުރިން ވާހަކަ ދެއްކާފައި ވަނީ ހޯމް މެޗް ނިއުޓްރަލް ދަނޑެއްގައި ކުޅުމަށެވެ. ބައްސާމް ވިދާލުވީ ނިއުޓަރަލް ދަނޑެއްގައި ކުޅުމަށް ބަލާ އިރު އެކަމަށް ބޮޑު ހަރަދެއް ހޭދަވާ ކަމަށެވެ.

"ނިއުޓަރަލް ދަނޑުގެ ގޮތުގައި އަޅުގަނޑުމްނެނަށް އޮފާ އައިސް ހުރީ 85000 ޑަލަރު. އެއްލައްކަ ޑޮލަރުގެ އަގުތަކުގައި އަދި ކަރަންޓާއި ބޯލްބޯއީސްއާއި އެކުޅޭ ދަނޑުގައި ބަލަހައްޓަން ޖެހޭ އެހެނިހެން ހަރަދު ވެސް ކުރަން ޖެހޭނީ ރައްޖެއިން ކަމަށްވާތީ އެކަމަށް ވަރަށް ބޮޑު ކަރަދެއް ހިނގާނެ،"

ބައްސާމް އިތުރަށް ވިދާޅުވީ އަންނަ އަހަރު މާޗް މަހު 24 ވަނަ ދުވަހު ކުޅޭ މެޗް ރާއްޖެއަށް ބަދަލު ކުރުމަށް އަދިވެސް މަސައްކަތް ކުރަމުންދާކަމަށާއި އެކަމާ ބެހޭގޮތުން ޗައިނާގެ ފުޓްބޯލް ފެޑްރޭޝަނަ ވާހަކަ ދައްކަމުންދާ ކަަމަށެވެ.

"އަންނަ އަހަރު ކުޅޭ މެޗައި ދެމެދު ވަރަށް ދުވަސް އެބައޮތް. އަޅުގަނޑުމެން އަދިވެސް މަސައްކަތް ކުރަމުންދަނީ އެމެޗް ރާއްޖޭގައި ކުޅެވޭތޯ،" ބައްސާމް ވިދާޅުވި އެވެ.

އަންނަ މަހު އަށް ވަނަ ދުވަހު ކުޅެން އޮތް މެޗް ޗައިނަގައި ކުޅޭ ގޮތަށް ނިންމީ މިނިވަން ފަންސާހުގެ ކުޅިވަރުތަކަށް ދަނޑުގައި އެޅިި ހަރު ކާޕެޓްގެ ސަބަބުން ދަނޑުގެ ވިނަތައް މަރުވެފައިވުމުން އެމެޗް ރާއްޖޭގައި ކުޅެވެން ނެތުމުންނެވެ.