ހަސަތޭކަ އަކަފޫޓު ހަމަނުވާ ގޯތިތައްވެސް ރަޖިސްޓްރީ ކުރެވޭނެގޮތަށް ބިމާބެހޭ ގާނޫނަށް ހުށައެޅި އިސްލާހު ގައުމީ ތަރައްގީ ކޮމިޓީން ފާސްކޮށްފިއެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަދި އެ އިސްލާހު ހުށަހެޅުއްވި މެމްބަރު ރިޔާޒު ރަޝީދު މިއަދު ސަން އަށް ވިދާޅުވީ އެ އިސްލާހު ފާސްކޮށްފައި ވަނީ މިދިޔަ ހަފްތާގައި ބޭއްވި ކޮމެޓީ ބައްދަލުވުމުގައި ކަމަށެވެ. އަދި ވަރަށް އަވަހަށް އެ ބިލް މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކުރާނެ ކަމަށް ރިޔާޒު ވިދާޅުވި އެވެ.

އެ އިސްލާހު ފާސްވީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.

ބިމާ ބެހޭ ގާނޫނުގައި މިހާރު ބުނެފައިވަނީ ބަންޑާރަ ގޯއްޗެއް ދޫކުރެވިފައިވާ މީހަކު މަރުވެއްޖެ ނަމަ އެ ގޯއްޗެއްގައިވާ އިމާރާތާއި ނުއުފުލޭ މުދާ ތަރިކައިގެ އުސޫލުން ލިބޭ ބައެއްގެ މެދުގައި ބެހޭނީ ހަސަތޭކަ އަކަފޫޓަށް ވުރެ ކުޑަ ނުވާ މިންވަރަކަށްކަމަށެވެ.

އަދި ގޯއްޗެއްގައިވާ އިމާރާތާއި ނުއުފުލޭ މުދާ ތަރިކައިގެ އުސޫލުން ލިބޭ މީހުންގެ މެދުގައި ގޯއްޗެއް ބައި ކުރެވޭއިރު އޭގެ ތެރެއިން ބަންޑާރަ ގޯއްޗެއް ނުވަތަ ގޯއްޗެއްގެ ބައެއް ލިބިފައިވާ މީހަކަށް ޖެހޭ ބައި ހަސަތޭކަ އަކަފޫޓަށްވުރެ ކުޑަވެއްޖެ ނަމަ ބައި ކުރެވޭ ގޯތީގެ ބިމަކުން އެމީހަކަށް ނުލިބޭނެކަމަށް ވެސް އެ ގާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.

ގައުމީ ތަރައްގީ ކޮމެޓީން ފާސްކޮށްފައި ވަނީ ބަންޑާރަ ގޯއްޗެއްދޫކުރެވިފައިވާ މީހަކު މަރުވެއްޖެނަމަ އެގޯއްޗެއްގައިވާ އިމާރާތާއި ނުއުފުލޭ މުދާ، ތަރިކައިގެ އުސޫލުން ލިބޭ ބައެއްގެ މެދުގައި އެގޯއްޗެއް ވަކި ގޯތިތަކަކަށް ބައިކޮށް ވަކިކޮށްދެވިދާނެކަމަށެވެ. އަދި ތަރިކައިގެ އުސޫލުން އެތަނެއް ލިބޭ އެންމެންގެ ނަމުގައި އެބަޔަކު އެދޭނަމަ އެގޯއްޗެއް ރަޖިސްޓްރިކޮށް ރަޖިސްޓްރީ ހަދައިދޭންވާނެކަމަށް ވެސް ގާނޫނަށް އިސްލާހު ގެނައުމަށް ކޮމެޓީން ވަނީ ފާސްކޮށްފައެވެ.

ރިޔާޒު ވިދާޅުވީ އެ އިސްލާހު ހުށަހަޅާފައި ވަނީ ތިންމީހުންނަށް ނުވަތަ ހަތަރު މީހުންނަށް ލިބޭ ބިންކޮޅު ނުވަތަ ގޯތި ހަސަތޭކަ އަކަފޫޓަށް ވުރެ ކުޑަނަމަ އެމީހުންނަށް ރަޖިސްޓްރި ނުލިބޭތީ ލޯނު ނަގަން ބޭނުންވެއްޖެ ހިނދެއްގައި ލޯނު ނެގުމަށާއ،ި ރަހުނު ކުރުން ފަދަ މުއާމަލާތްކުރުމަށް ދަތިވާތީކަމަށެވެ.