22 Aug 2015, 14:03
ވިޔަފަރާވެރިންގެ މިސްކިތުން އަތްދަބަހެއް ވަގަށް ނަގައިގެން ފިލަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 22 އަހަރުގެ ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ރޭ 8:15 އެހާކަންހާއިރު ވިޔަފާރަވެރިންގެ މިސްކިތުން އަތް ދަބަހެއް ވަގަށް ނަގައިގެން ފިލަން އުޅެނިކޮށް އެވަގުތު މާލެތެރެ ޕެޓްރޯލް ކުރަން ތިބި ފުލުހުންނެވެ.
ފުލުހުން ބުނީ ވަގަށް ނަގާފައިވާ ދަބަސް ފެނިފައިވަނީ އެމީހާ ހައްޔަރުކޮށް އޭނާ އެވަގުތު ހުރި ސަރަހައްދު ބަލައިފާސްކުރަނިކޮށް އެސަރަހައްދަށް އެއްލާލާފައި ވަނިކޮށް ކަމަށެވެ. އަދި އެ ދަބަސް ތެރޭގައި އޮތް ފޯނެއްވެސް އެސަރަހައްދުން ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލާގައި ހައްޔަރުކުރި މީހާ އަކީ މުދަލަށް ގެއްލުން ދިނުމާއި ފޭރުމާއި ގްރޫޕް ހަަދައިގެން މާރާމާރީ ހިންގުމުގެ މައްސަލަތަކުގެ އިތުރުން ވައްކަމާއި މަސްތުވާތަކެތީގެ ގިނަ އަދަދެއްގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށް ފުލުހުން ބުންޏެވެ.