ޓެކްސްގެ ގޮތުގައި ސަރުކާރަށް ދައްކާ ހުރިހާ ފައިސާއެއް އަންނަ މަހުން ފެށިގެން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބަލައިގަންނަ ގޮތަށް ހަމަޖައްސައިފި އެވެ.

އެ އޮތޯރިޓީން މިއަދު އާންމު ކުރި އިއުލާނެއްގައި ބުނަނީ މީގެ ކުރިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ދައްކަމުން އައި ބެޑްޓެކްސް އާއި ލީސް ރެންޓް އަދި ރޯޔަލްޓީ ފަދަ ހުރިހާ ފައިސާ އެއް އަންނަ މަހުން ފެށިގެން އެމްއެމްއޭއިން ބަލައިގަތުން ހުއްޓާލާނެ ކަމަށެވެ.

އެ މުއްދަތުގެ ފަހުން ހުރިހާ ޓެކްސްއެއް ނަގާނީ މީރާއިން ކަމަށް ވެސް ބުނެފައި ވެއެވެ.
ޓޫރިސްޓް ހިދުމަތް ދޭ ތަންތަނުންނާއި އެ ތަންތަނުން ވިއްކާ ތަކެތިން ނަގާ، ޓީޖީއެސްޓީ، ޓެކްސް އަންނަނީ މި އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން މީރާއިން ނަގަމުންނެވެ.

މީރާއަކީ ރާއްޖޭގައި ޓެކްސް އާގުޅޭކަންކަން ރެގިއުލޭޓް ކުރުމަށް 18 މާޗް 2010 ގައި އުފެއްދި މިނިވަން މުއައްސަސާއެކެވެ.