22 Aug 2015, 10:16
މައްޗަންގޮޅި ދިދިގޯޅި ތެރޭގައި ހުންނަ "އަގޯރާ އެކްސްޕްރެސް" ފިހާރަ ކުރިމަތިން ވަޅިން ހަމަލާދީ ތ. ތިމަރަފުށީ ބްލޫނިޔާގޭ އަސީލު އަހްމަދު މަރާލި މައްސަލައާ ގުޅިގެން ސީން އޮފް ކްރައިމް ރިޕޯޓު ތައްޔާރު ކުރި ދެ އެކްސްޕާޓުންގެ ހެކިބަސް ނަގައިފި އެވެ.
ޖުވެނައިލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ ސީން އޮފް ކްރައިމް ރިޕޯޓު ތައްޔާރުކުރި ފުލުހުންގެ ދެ އެކްސްޕާޓުން ހާޒިރުކުރީ ބުރާސްފަތި ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ކަމަށެވެ.
އަސީލްގެ މަރާއި ގުޅިގެން ދައުލަތުން ވަނީ 16 އަހަރުގެ ދެ ކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ.
އެ ދެ ކުދިންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ 23 ވަނަ ދުވަހުގެ ރޭ 8:45 އެހާކަންހާއިރު ދިދިގޯޅި ތެރޭގައި ހުންނަ "އަގޯރާ އެކްސްޕްރެސް" ފިހާރަ ކުރިމައްޗަށް ސައިކަލްތަކުގައި އިތުރު ބަޔަކާ އެކު ގޮސް އަސީލަށް ހަމަލާދީފައިވާކަމަށް ތުހުމަތު ކުރެވޭތީ އާއި އެ ހަމަލާގެ ސަބަބުން އަސީލް މަރުވެފައިވާތީ އެވެ.
އެ ދެ ކުދިންގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.
މިމަހުގެ 24 ވަނަ ދުވަހަށް ތާވަލުކޮށްފައިވާ ޝަރީއަތުގެ މަޖިލީހުގައި އަސީލްގެ މެޑިކޯ ލީގަލް ރިޕޯޓު ތައްޔާރުކުރި އެކްސްޕާޓުގެ ހެކިބަސް ނެގުން އޮއްނާނެ ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.