ފުލުހުންގެ އިރުޝާދާ އެއްގޮތަށް، ހުޅުމާލޭގައި 50 އަށް ވުރެ ގިނަ ސީސީ ކެމެރާ ހަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން މިއަދު ސަން އަށް ވިދާޅުވީ، ހުޅުމާލެ ދުވަހަކަށް ފަހު ދުވަހެއް ތަރައްގީވަމުން އަންނަ އިރު، އެ ރަށުގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރުމުގެ ބޭނުމުގައި، އެ ކޯޕަރޭޝަންގެ ސީއެސްއާރު ބަޖެޓުން ހަރަދުކޮށްގެން 50 އަށް ވުރެ ގިނަ ސީސީ ކެމެރާ މިއަހަރު ހަރުކުރާނެ ކަމަށެވެ.

ސައިމަން ވިދާޅުވީ ކެމެރާ ހަރުކުރާނެ ލޮކޭޝަންތަކެއް މިހާރު އައިޑެންޓިފައި ކުރެވިފައިވާ ކަމަށެވެ. ނަމަވެސް ކެމެރާގެ ކޭބަލްއާ ގުޅޭ މަސައްކަތްތައް ކުރިއަށްގެންދާނެ ގޮތާއި އެހެނިހެން ކަންކަން ކުރާނެގޮތުގެ ސްޓަޑީއެއް ހަދަމުން އަންނަ ކަމަށާއި އެކަންތައްތައް އަދި ފައިނަލް ނުވާ ކަމަށެވެ.

"ގާތްގަނޑަކަށް 50 އަށް ވުރެ ގިނަ ކެމެރާ ހަރުކުރަން މި ވިސްނަނީ. ބަހައްޓާނެ ލޮކޭޝަންތަކެއް މިހާރު ހުރީ އައިޑެންޓިފައި ކުރެވިފައި. އެކަމް އޭގެ ކޭބަލްތައް މިސާލަކަށް ދިރާގުންތޯ ނުވަތަ އުރީދޫ އިންތޯ އެކަން ކުރާނީ. އެ އެއްޗެހީގެ ޑީޓެއިލް އަދި އަޅުގަނޑުމެންނަށް ފައިނަލް ނުކުރެވޭ. ނަމަވެސް މި އަހަރުތެރޭ އެކަން ކުރުން އަޅުގަނޑުމެންގެ ޓާގެޓަކީ،" ސައިމަން ވިދާޅުވި އެވެ.

ސައިމަން ވިދާޅުވީ ހުޅުމާލޭގެ ސެކިއުރިޓީގެ ކަންތައްތައް މިހާރު ވެސް އަންނަނީ ކުރިއަރަމުން ކަމަށެވެ. ނަމަވެސް ބައެއް އޭރިއާތަކުން ރަނގަޅުކުރަން ޖެހޭ ކަންކަން ހުރުމުން އެ ކަންކަން ހައްލުކުރުމަށް ކަމާ ބެހޭ މުއައްސަސާތަކާ އެކު މަސައްކަތް ކުރަމުން އަންނަ ކަމަށް ސައިމަން ވިދާޅުވި އެވެ.

މިހާރު ވެސް ހުޅުމާލޭގެ ސެކިއުރިޓީގެ ކަންކަން ބެލެހެއްޓުމުގައި ފުލުހުން ވަރަށް ފުރިހަމައަށް ހަރަކާތްތެރިވާކަން ސައިމަން ފާހަގަކުރެއްވި އެވެ.