ލޯކަލް ކައުންސިލް އިންތިހާބުގައި ފަސް ކައުންސިލަކުން ވޯޓު އެއްވަރުވި ކެންޑިޑޭޓުންގެ މެދުގައި ބޭއްވި އިންތިހާބުގެ ދެވަނަ ބުރުގެ ރަސްމީ ނަތީޖާ ރޭ އިއުލާންކޮށްފި އެވެ.

މިދިޔަ ފެބްރުއަރީ ފަސްވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓް އެއްވަރުވި ހދ. ކުމުންދޫ އާއި ރ. ދުވާފަރާއި ބ. ކިހާދޫ އާއި މ. ވޭވަށާއި ގއ. ކޮލަމާފުށީ ރަށު ކައުންސިލް އިންތިހާބުގެ ރަސްމީ ނަތީއްޖާ ރޭ އިއުލާންކުރި އިރު ކުރިން އިއުލާން ކުރި ވަގުތީ ނަތީޖާއާ އެއްވެސް ތަފާތެއް އައިސްފައެއް ނުވެއެވެ.

ރަސްމީ ނަތީޖާއިން ދައްކާ ގޮތުން ވެސް ހަތަރު ކައުންސިލްގެ ގޮނޑި އެމްޑީޕީއަށް ލިބިފައިވާއިރު އެއް ގޮނޑި ލިބިފައިވަނީ އަމިއްލަ ކެންޑިޑޭޓަކަށެވެ.

އެމްޑީޕީއަށް ލިބިފައިވަނީ ކުމުންދޫ އާއި ދުވާފަރާއި ކިހާދޫ އާއި ކޮލަމާފުށީ ރަށު ކައުންސިލްގެ ގޮނޑި އެވެ. އަދި ވޭވަށު ރަށު ކައުންސިލްގެ ގޮނޑި ގެންފޮސްފައިވަނީ އަމިއްލަ ކެނޑިޑޭޓެކެވެ.
އިލެކްޝަން ކޮމިޝަނުން ރޭ އިއުލާން ކުރި ރަސްމީ ނަތީޖާއިން ހދ. ކުމުންދޫ ކައުންސިލަށް ވާދަކުރި އެމްޑީޕީގެ ދެ ކެނޑިޑޭޓުންގެ ތެރެއިން އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އަލީ ލިބިފައިވަނީ 144 ވޯޓެވެ. އަދި އެމްޑީޕީގެ ފަރާތުން ވާދަކުރި އަނެއް ކެނޑިޑޭޓް މުހައްމަދު އަބްދުލްކަރީމަށް ލިބިފައި ވަނީ 41 ވޯޓެވެ.

ރ. ދުވާފަރު ކައުންސިލުގެ ގޮނޑި ކާމިޔާބު ކުރީ އެމްޑީޕީގެ ކެންޑިޑޭޓް އާމިރު އަހުމަދު އެވެ. ވޯޓްލީ މީހުންގެ 56.78 ޕަސެންޓާއެކު 842 ވޯޓު އާމިރަށް ލިބުނެވެ. އަދި ޑީއާރުޕީގެ ކެންޑިޑޭޓް ހަސަން އަބްދުއްރަހުމާނަށް ލިބިފައި ވަނީ 641 ވޯޓެވެ.

މިދިއަ ހޮނިހިރު ދުވަހު ބޭއްވި ކައުންސިލް އިންތިހާބުގެ ދެވަނަ ބުރުގައި ބ. ކިހާދޫން ތިން ކެންޑިޑޭޓަކު ވާދަކުރިއިރު، ވޯޓްގެ 57.33 ޕަސަންޓާއެކު، 129 ވޯޓުން ކުރި ހޯއްދަވާފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު ރަޝީދެވެ. އަދި އަމިއްލަ ގޮތުން ވާދަކުރެއްވި އަލީ ޝަރީފަށް 91 ވޯޓު ލިބުނު އިރު އެމްޑީޕީގެ އަހުމަދު މުސްތަފާ އަށް ލިބިފައި ވަނީ އެންމެ ފަސް ވޯޓެވެ.

މ. ވޭވަށު ރަށު ކައުންސިލުން އެއްވަރުވެގެން ދެވަނަ ބުރުގައި ވާދަކުރި އަމިއްލަ ދެ ކެނޑިޑޭޓުންގެ ތެރެއިން، ވޯޓްލީ މީހުންގެ 54.29 ޕަސެންޓާއެކު 95 ވޯޓުން ކުރި ހޯދި އަހުމަދު ވަހީދެވެ. އަދި އަމިއްލަ ގޮތުން ވާދަކުރި އަހުމަދު މުސްތަފާ ހުސައިން އަށް ލިބުނީ 80 ވޯޓެވެ.

ކައުންސިލް އިންތިހާބުގެ ދެވަނަ ބުރުގައި ގއ. ކޮލޮމާފުށީގެ ކައުންސިލުން ވާދަކުރި ދެ ކެނޑިޑޭޓުން ވެސް ނިސްބަތްވަނީ އެމްޑީޕީ އަށެވެ. ރިޔާޒް ހުސައިން ގޮނޑި ކާމިޔާބު ކުރީ ވޯޓްގެ 51.64 ޕަސެންޓާއެކު 378 ވޯޓު ލިބިގެންނެވެ. އަދި އޭނާއާ ވާދަކުރި މުހައްމަދު ރިފްޝާން އަށް ލިބުނީ 354 ވޯޓެވެ.