22 Aug 2015, 10:12
ވޮޝިންޓަން (އޮގަސްޓް 22): އިރާގާއި ސޫރިޔާގެ ބޮޑުބައެއް ހިފައިގެންއުޅޭ އައިއެސް ޖަމާއަތުގެ ދެވަނަ ލީޑަރު ފާޟިލް އަހްމަދުލްހިޔާލީ މަރާލެވިއްޖެކަން އެމެރިކާ އިން ހާމަކޮށްފި އެވެ.
އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސް އިން ބުނީ ފާޟިލް އަހްމަދުލްހިޔާލީ މަރާލެވުމަކީ އައިއެސްގެ މައްޗަށް ލިބުނު ވަރަށް ބޮޑުކާމިޔާބީ އެއް ކަމުގަ އެވެ.
ފާޟިލް މަރާލެވުނު ކަމަށް ވަނީ އައިއެސް ދެކޮޅަށް އިރާގުގެ އުތުރުގެ ހިސާބުތަކަށް އެމެރިކާގެ ވައިގެ ސިފައިން ދިން ހަމަލާތަކެއްގައި ކަމަށް ވައިޓް ހައުސްގެ ތަރްޖަމާން ނިޑް ޕްރާއިސް ވިދާޅުވި ނަމަވެސް ފާޟިލް މަރާލެވުނުކަން އެމެރިކާ ކަށަވަރުކުރިގޮތެއް އޭނާ ހާމަކުރައްވާފައެއް ނުވެ އެވެ. އެމެރިކާއަކީ މިބާވަތުގެ ވަރަށް ގިނަކަންކަމުގައި ހަގީގަތް އޮޅުވާލައި ދޮގުތައް ހަދާ ގައުމަކަށްވާތީ އެމެރިކާ ދައްކާ މިބާވަތުގެ ވާހަކަތަކުގެ ސައްޚަ ކަމާމެދު ބޮޑެތި ސުވާލުތަކެއް އުފެދެ އެވެ.
އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ ކައުންސިލްގެ ބަޔާނެއް ބުނާ ގޮތުން އެތައް ބައެއްގެ މަރުގެ ޒިންމާ އުފުލަން ޖެހޭ މުޖުރިމަކު މަރާލެވުމަކީ ލިބުނު ކާމިޔާބީއެކެވެ. ފާޟިލްއަކީ އައިއެސްގެ ލީޑަރު އަބޫބަކުރުލްބަޣްދާދީގެ ނައިބުކަމަށާއި އޭނާއަކީ އައިއެސްގެ ހަތިޔާރާބެހޭ އެންމެ އިސް ވެރިޔާކަމަށް އެމެރިކާ އިން ބުނިނަމަވެސް މިއީ ތެދެއްކަން އެމެރިކާއަށް ސާބިތުކޮށްދެވިފައެއް ނުވެއެވެ.
އަދި އެމެރިކާގެ ކުރީގެ ރައީސް ޖޯޖްޑަބްލިޔު ބުޝްއާއި އެެދުވަސްވަރުގެ އެމެރިކާގެ އިސްވެރިންނަކީވެސް އިރާގުގެ ކުށެއްނެތް ރައްޔިތުން މެރުމުގައި އައިއެސްގެ ވެރިން ހިންގާފައިވާފަދަ އަނިޔާވެރި އަދި ހަރުކަށި އަމަލުތައް ހިިންގާފައިވާ މުޖުރިމުންކަމަށްވިޔަސް މިއިން އެއްވެސް ބޭފުޅެއްގެ މައްޗަށް އެމެރިކާގައި ޝަރީއަތް ކުރެއްވި ބުޝްއާއި އޭނާގެ ޓީމަށް އަދަބު ދެވިފައެއް ނުވެއެވެ.
އެމެރިކާ އިސްވެ އޮވެގެން އެކުލަވާލާފައިވާ މިކޯލިޝަނުން އިއްޔެވެސްވަނީ އިރާގުގައިވާ އައިއެސްގެ 21 ތަނަކަށާއި ސޫރިޔާގައިވާ އައިއެސްގެ 8 ތަނަކަށް ވައިގެމަގުން ހަމަލާތަކެއްދީފައެވެ.
އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކުން ކޮންމެ ދުވަހަކުވެސް އައިއެސްގެ ކޮންމެވެސް އަމާޒުތަކަކަށް ވައިގެ މަގުން ހަމަލާތައް ދެމުންގެންދާއިރު މިހަމަލާތަކުން ލިބޭ ގެއްލުންތަކުގެ މާބޮޑު މައުލޫމާތެއް ސާފުވެފައެއްނުވެއެވެ. ނަމަވެސް އެމެރިކާއިން އައިއެސް އަށް ދޭ ހަމަލާތަކުގައި އިރާގާއި ސޫރިޔާގެ އާންމުންގެ އެތައްބަޔަކު މަރުވަމުންދާކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ބުނެއެވެ. (ނޫސްއެޖެންސީތައް)