22 Aug 2015, 01:04
ލާލެ ޔޫތު އިންޓަނޭޝަނަލް ސްކޫލުގެ މިދިޔަ އަހަރުގެ އެންމެ މޮޅު ދަރިވަރަކަށް ލަޔާން އަލީ ރަޝީދު ހޮވިއްޖެ އެވެ.
ލާލޭގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި މިރޭ ލަޔާން އަށް ސްކޫލުގެ ހުރިހާގޮތަކުން އެއްވަނަ ލިބިފައިވާއިރު އޭނާ ވަނީ ރާއްޖޭގެ ގައުމީ ގަދަ 10ގެ ހަތަރުވަނާގައި ހިމެނިފައެވެ.
މިރޭގެ ރަސްމިއްޔާތުގައި އެ ސްކޫލުގެ އެކި ވަނަ ވަނައަށް އައި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ވަނީ ހަވާލު ކޮށްފައެވެ. އެގޮތުން ގައުމީ އަދި ބައިނަލްއަގުވާމީ މުބާރާތްތަކުގެ ވަނަވަނައަށް އައި ފަރާތްތަކަށްވެސް ވަނީ އިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ.
ވޭތުވެ ދިޔަ އަހަރު ލާލޭ ސްކޫލުން ކިޔެވި 398 ދަރިވަރުންގެ ތެރެއިން 112 ކުދިން ވަނީ 90 ޕަސެންޓް އިން މަތީ ފާސް ހޯދާފައެވެ. އެގޮތުން 90 ދަރިވަރުން 'އޭ' އިން މަތި ހޯދާފައިވާއިރު 80 ދަރިވަރުން ވަނީ 'ބީ' އިން މަތި ހޯދާފައެވެ. ޖުމްލަ 62 ދަރިވަރުންނަށް 'ސީ' އަކަށްވުރެ މަތިން ލިބިފައިވައިރު 'ޑީ' އިން މަތި ލިބިފައިވަނީ 32 ކުދިންނަށެވެ. އަދި 'އީ' އިން މަތި ލިބިފައިވަނީ 19 ކުދިންނަށެވެ.
މިދިޔަ އަހަރު ލާލެއިން އޯލެވެލް ހަދާފައިވަނީ ފަސް ދަރިވަރުންނެވެ. އޭގެ ތެރެއިން 100 ޕަސެންޓް ކުދިން ވަނީ ފަސް މާއްދާއިން ފާސްވެފައެވެ.
މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަރަފުވެރި މެހްމާން، އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ހުރިހާ ދަރިވަރުންވެސް އެކަނި އުޅެން ޖެހިއްޖެ ނަމަ ބޭނުންވާނެ އާންމު އުކުޅުތައްވެސް އެނގެން ޖެހޭނެ ކަމަށެވެ.
ސްކޫލާ ބެހޭގޮތުގައި ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ އެ ސްކޫލަކީ ގިނަ ގައުމުތަކުގެ ދަރިވަރުންނަށް ތައުލީމު އުނގެނުމަށް ފުރުސަތު ހުޅުވާލައިފައިވާ ސްކޫލެއް ކަމަށެވެ.