21 Aug 2015, 20:19
މޯލްޑިވް ގޭސް އިން އެ ކުންފުނިން އަލަށް ބާޒާރަށް ނެރުނު ލުއި ފުޅިއަށް އާންމުން އަހުލުވެރި ކުރުވުމުގެ ކެމްޕެއިނެއް މިއަދު ފަށައިފި އެވެ.
އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ އެ ޕުރޮމޯޝަން މާލޭގެ އިތުރުން ވިލިނލިމާލެ އަދި ހުޅުމާލޭގައި ވެސް ކުރިއަށްދާނެ އެވެ. އެ ހަރަކާތް ކުރިއަށް ގެންދަނީ މިރޭގެ 10:00 އާ ހަމައަށެވެ.
މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން ވިދާޅުވީ ލުއި ފުޅި އަކީ ސަލާމަތީ ގޮތުން ވެސް ދުނިޔޭގެ އެއްވަނައިގެ ގޮތުގައި ފާހަގަކޮށްލެވޭ ފުޅި އެއް ކަމަށެވެ.
މޯލްޑިވް ގޭސް އިން ކުރިއަށް ގެންދާ "ލުއި ފުޅި" ޕުރޮމޯޝަން ހަރަކާތުގެ ތެރެއިން: ސަން ފޮޓޯ/ ފަޔާޒު މޫސާ
"އޭތި [ލުއި ފުޅި] ބޮޑަށް އެވެއާ ކުރުމާއި އެ ފުޅި މާކެޓު ކުރުމަށް އަޅުގަނޑުމެން މިއަދު މި ޕުރޮމޯޝަން މި ކުރިއަށް ގެންދަނީ. މާލޭގެ ތިން ސަރަހައްދުން އަޅުގަނޑުމެން މި ހަރަކާތް ކުރިއަށް އެބަ ގެންދަން،" މައުމޫން ވިދާޅުވި އެވެ.
ދާދިފަހުން މޯލްޑިވްސް ގޭސް އިން ހުޅުވި ޕާކު ކުރިމަތީގަ އާއި ރާޅުގަނޑު ސަރަހައްދުގެ އިތުރުން ލޯކަލް މާރުކޭޓު ސަރަހައްދުގައި ވެސް މި ހަރަކާތް ކުރިއަށް ދާނެ ކަމަށް މޯލްޑިވް ގޭސް އިން މައުލޫމާތުދެ އެވެ.
މައުމޫން ވިދާޅުވީ ލުއި ފުޅި ޕުރޮމޯޝަނުގައި ކޮންމެ ފަރާތަކަށް ވެސް ކޫޕަނެއް ފުރުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އަދި އެ ކޫޕަން ފުރުމަށްފަހު ގުރުއަތުން ހޮވޭ ފަރާތަކަށް ލުއި ފުޅިއެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.