ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ރީލޮކޭޝަން ޕްލޭންގެ ދަށުން ހަމައެކަނި ސްލޮވާކިއާއިން ގަބޫލުކުރާނީ ސީރިއާ ރެފިއުޖީންގެ ތެރެއިން ކްރިސްޓިއަން ހިޖުރަކުރާ މީހުން ކަމަށް އެގައުމުން ބުނެފި އެވެ.

ސްލޮވާކިއާގެ އިންޓީރިއާ މިނިސްޓަރުގެ ތަރުޖަމާން އިވާން މެޓިކް ވިދާޅުވީ އެގައުމަށް ވަނުމުގެ ހުއްދަ ލިބޭނީ، ތުރުކީ އިޓަލީ އަދި ގްރީސްގެ ރެފިއުޖީ ކޭމްޕުތަކުން ހިޖުރާކުރާ ސީރިއާގެ 200 ކްރިސްޓިއަނުންނަށް ކަމަށެވެ.

މުސްލިމުންނަށް ފުރުސަތު ނުދޭނެ ކަމަށް ކްރިސްޓިއަނުންގެ އާބާދީ ބޮޑު ސްލޮވާކިއާއިން ބުނަނީ، މުސްލިމުންނަށް އެގައުމަށް ހޭނެން އުދަނގޫވެދާނެތީ ކަމަށެވެ.

"އަހަރެމެންނަށް 800 މުސްލިމުން ގަބޫލުކުރެވިދާނެ. އެކަމަކު ސްލޮވޭކިއާގައި އެންމެ މިސްކިތެއްވެސް ނެތް. މުސްލިމުންނަށް މިތަން ކަމުނުދާނަމަ ކިހިނެތް މިތާންގަ އުޅޭނީ،" ބީބީސީއަށްދިން އިންޓަވިއުއެއްގައި މެޓިކް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، ހިޖުރަކުރާ މީހުންގެ މައްސަލާގައި ޔޫރަޕަށް އެހީވާން އެގައުމުން ބޭނުންވާ ކަމަށެވެ. ނަމަވެސް އެގައުމަކީ "ޓްރާސިޓް" ގައުމެއް ކަމުން އެއްވެސް މީހަކު ސްލޮވޭކިއާގައި ވަޒަންވެރިވާން ބޭނުންނުވާ ކަމަށް މެޓިކް ވިދާޅުވި އެވެ.

މިދިޔަ ޖުލައި މަހު އީޔޫގެ މެންބަރު ގައުމުތަކުންވަނީ ކުރިއަށް އޮތް ދެއަހަރު ތެރޭގައި ސަލާމަތްތެރިކަން ހޯދަން އިޓަލީ އަށާއި ގްރީސް އަށް އަންނަ 32000 މީހުންނަށް އެހީވުމަށް ނިންމާފައެވެ. ނަމަވެސް ސްލޮވާކިއާ ފަދަ ބައެއް ގައުމަކުން އެކަމަށް ވަކި ކޯޓާއެއް ހަމަޖައްސަން ބޭނުންނުވާތީ، އެގައުމަކުން ގަބޫލުކުރާނެ މީހުންގެ އަދަދެއް އަމިއްލަ އަށް ނިންމުމަށްވަނީ ފުރުސަތުދީފައެވެ.

އދ. ގެ ރެފިއުޖީ އޮފީހުން ބުނާގޮތުން މިއަހަރުގެ މިހާތަނަށް 264،500 ރެފިއުޖީންނާ ހިޖުރަކުރާ މީހުން ވަނީ މެޑިޓެރޭނިއަން ކަނޑު ހުރަސްކޮށްފައެވެ. އޭގެ ތެރެއިން ގިނައީ ސުންނީ މުސްލިމުން ގިނަ ސީރިއާ އާއި އަފްގާނިސްތާން އިތުރުން އެފްރިކާގެ ބައެއް ގައުމުތަކެވެ.

އދ. ގެ ރެފިއުޖީ އޮފީހުން އާއްމުކުރި އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން، ހިޖުރަކުރާ މީހުން ނުވަތަ ރެފިއުޖީން އެންމެ ގިނައިން އެތެރެވެފައިވަނީ ގްރީސް އަދި އިޓަލީ އަށެވެ. އެގޮތުން މިމަހުގެ 14 ވަނަ ދުވަހާ ހަމައަށް ކަނޑުމަގުން 158،456 ރެފިއުޖީން އަދި ހިޖުރަކުރާ މީހުން ގްރީސްއަށް އެތެރެވެފައިވާއިރު، ތުރުކީގެ މަގުން 1716 މީހުން ގްރީސްއަށް އެތެރެވެފައިވެ އެވެ.

މައުލޫމާތު: ދަ އިންޑިޕެންޑެންޓް