21 Aug 2015, 17:30
ވޮޝިންޓަން (އޮގަސްޓް 21) : ޔަމަނުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގެ ސަބަބުން އެގައުމުގެ ރައްޔިތުންނަށް އިންސާނީ ކާރިސާއަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް އެމެރިކާ ބުނެފިއެވެ.
އެމެރިކާގެ ރިޔާސީ މަރުކަޒު ވައިޓް ހައުސްއިން ބުނީ ޔަމަންގެ އާބާދީގައި ހިމެނޭ 25 މިލިޔަން މީހުންގެ ތެރެއިން 21 މިލިޔަން މީހުންވަނީ އިންސާނީ ކުއްލި އެހީއަށް ބޭނުންވެފައި ކަމަށާއި މީގެތެރޭގައި ކާބޯތަކެއްޗާއި ބޭސްފަރުވާއާއި ވަގުތީ ހިޔާވަހިކަންވެސް ހިމެނޭކަމަށެވެ.
ޔަމަންގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް އދ. އިން އެންމެ ބޮޑަށް ބޭނުންކުރާ އެގައުމުގެ އަލްހުދައިދާ ގެ ކަނޑުގެ ބަނދަރަށް ސައޫދީ އަސްކަރީ މަތިންދާބޯޓުތަކުން މިދިޔަ އަންގާރަދުވަހު ވަރުގަދަ ވައިގެ ހަމަލާތަކެއް ދިނުމުން އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތްތައްވަނީ ހުއްޓިފައެވެ. މިކަމާ ގުޅިގެން އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކާއި އދ. އިންވެސްވަނީ ސައޫދީންގެ މިހަމަލާތައް ކުށްވެރިކޮށްފައެވެ.
ޔަމަންގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް އަސްކަރީ ގޮތުން ވަދެގެންފައިވާ ސައޫދީ އަރަބިޔާއިން އަލްހުދައިދާ ބަނދަރަށް ހަަމަލާތައް ދިނީ ޙޫޘީ ޖަމާއަތުގެ އަތްދަށުން އެބަނދަރު މިނިވަންކުރަން ކަމަށްބުނެއެވެ. ޔަމަންގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގާ ފާއިތުވި ފަސްވަރަކަށް މަހުގެ ތެރޭގައި ހަތަރުހާސް ތިންސަތޭކަ މީހުން މަރުވެ ބާވީސް ހާސްމީހުން ޒަޚަމްވެ 21 މިލިޔަން މީހުން ހާލުގައިޖެހިފައިވެއެވެ. އަދި އެ ހަނގުރާމައިގެ ސަބަބުން ޔަމަންގެ ކުޑަކުދިންގެ ޖީލެއް މުޅިން ހަލާކުވަމުންދާކަމުގެ އިންޒާރު އދ. އިންވަނީ ދީފައެވެ.
ކުޑަކުދިންނާބެހޭ އދ. ގެ ޖަމްއިއްޔާ ޔުނިސެފް ބުނާގޮތުން ޔަމަންގެ ކުޑަކުދިންގެ ތެރެއިން 2.5 މިލިޔަން ކުޑަކުދިން ތަފާތުބަލިތަކުގެ ޝިކާރައަކަށްވެފައިވެއެވެ. އަދި 400 އަށްވުރެ ގިނަ ކުޑަކުދިން އެކި ޖަމާއަތްތަކާގުޅިގެން ހަނގުރާމަ ކުރަމުންދާކަންވެސް ޔުނިސެފުން ހާމަކޮށްފައިވެއެވެ.
މީގެއިތުރުން ޔަމަންގެ ހަނގުރާމައިގާ ޒަޚަމްވެފައިވާ މީހުންނާއި ހައިހޫނުކަމާއި ބަލިމަޑުކަން ތަހައްމަލް ކުރަންޖެހިފައިވާ މީހުންނަށް އަވަސްގޮތަކަށް ސިއްޙީ އެހީއާއި އިންސާނީ އެހީތައް ފޯރުކޮށް ނުދެވިއްޖެނަމަ އޭގެތެރެއިން އެތަށް ހާސްބައެއްގެ ފުރާނަ ގެއްލިގެން ހިނގައިދާނެ ކަމުގެ އިންޒާރު ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާ ޑަބްލިޔޫ އެޗް.އޯ އިންވެސް ވަނީ ދީފައެވެ. (ނޫސްއެޖެންސީތައް)