21 Aug 2015, 14:31
ފަޅުރަށެއް ކުއްޔަށް ހިފަން ބޭނުންވާ ފަރާތެއް ނަމަ ސެކިއުރިޓީ ޑިޕޮސިޓެއްގެ ގޮތުގައި 50،000 ރުފިޔާ ބަހައްޓަންޖެހޭނެ ކަމަށް ފިޝަރީޒް މިނިސްޓުރީން ބުނެފި އެވެ.
މިދޔަ ހަފުތާގައި ގެޒެޓުގައި އާންމުކޮށްފައި ރާއްޖޭގެ ފަޅުރަށްރަށް ކުއްޔަށް ދިނުން ނުވަތަ ވަރުވާއަށް ދޫކުރުމުގައި އަމަލުކުރާ އުސޫލުގައި ބުނެފައި ވަނީ ބިޑު ސެކިއުރިޓީގެ ގޮތުގައި ބަހައްޓާ 50،000 ރުފިޔާގެ މުއްދަތަކީ 45 ދުވަސް ކަމަށެވެ.
އެ އުސޫލުގައި ބުނެފައި ވަނީ ފަޅު ރަށެއް ކުއްޔަށް ހިފުމަށް ފޯމު ހުށަހެޅުމަށްފަހު އެ ފަރާތަކަށް ފަޅު ރަށް ލިބުނު ކަމުގެ ނޮޓިފިކޭޝަން ލެޓާ ލިބުމާއި އެކު ހަތް ދުވަހުގެ ތެރޭގައި އެއްލައްކަ ރުފިޔާ ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ހުށަހަޅަންވާނެ ކަމަށެވެ.
އެ އުސޫލުގައި ބުނެފައި ވަނީ ހަތް ދުވަހުގެ ތެރޭގައި ސެކިއުރިޓީ ޑިޕޮސިޓު ހުށަނާޅައިފިނަމަ ބިޑު ސެކިއުރިޓީގެ ގޮތުގައި އެފަރާތަކުން ހުށަހެޅި ފައިސާ ސަރުކާރަށް ނަގާނެ ކަމަށެވެ.
ފިޝަރީޒް މިނިސްޓުރީން އާންމުކޮށްފައިވާ އެ އުސޫލުގައި ބުނެފައި ވަނި ފަޅު ރަށެއް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅާ ފޯމާއި އެކު ގުރޫޕު އޮފް ފައިނޭންސް ހުށަހަޅަންވާނެ ކަމަށެވެ. ގުރޫޕު އޮފް ފައިނޭންސަކީ ފަޅުރަށް ކުއްޔަށް ހިފާއިރު ހުށަހަޅާ ޕުރޮޖެކްޓަށް ހަރަދު ކުރާނެ ކަމަށް ބަޔާން ކުރާ ފައިސާ ހުރިކަމުގެ ޔަގީންކަން ސަރުކާރަށް ދިނުމެވެ.
އުސޫލުގައި ބުނެފައި ވަނީ ފަޅުރަށް ކުއްޔަށް ދިނުމާއި ބެހޭ އެއްބަސްވުމުގައި ސޮއިކުރާއިރު ދެފަރާތުން އެއްބަސްވެފައިވާ ޕުލޭނާއި އެއްގޮތަށް މަޝްރޫއު ކުރިއަށް ގެންދިއުމަށް ބާރު އެޅުމުގެ ގޮތުން ފުރަތަމަ ދެ އަހަރު ކުރަން ހުށަހަޅާފައިވާ ކެޕިޓަލް އިންވެސްޓުމަންޓުގެ 10 ޕަސެންޓު ޕާފޯމަންސު ގެރެންޓީގެ ގޮތުގައި ނެގޭނެ ކަމަށެވެ.
އެގޮތަށް ނެގޭ ޕާފޯމަންސް ގެރެންޓީގެ މުއްދަތަކީ 18 މަސް ދުވަހެވެ. އަދި ވާކު ޕުލޭނާއި އެއްގޮތަށް މަސައްކަތް ކުރިއަށް ނުގެންދާ ނަމަ ޕާފޯމަންސް ގެރެންޓީ ސަރުކާރަށް ނެގޭނެ ކަމަށާއި އަދި ސަރުކާރަށް ނެގުމަށްފަހު މަސައްކަތްތައް ފުރިހަމަ ކުރުމަށް ހަ މަސް ދުވަހުގެ މުއްދަތެއް ދެވޭނެ ކަމަށް ވެސް އުސޫލުގައި ބުނެފައިވެ އެވެ.