ތައިލެންޑްގެ ވެރި ރަށް ބެންކޮކްގައި މިދިޔަ ހަފްތާގައި ބޮން ގޮއްވި މީހާ ހައްޔަރު ކުރުމަށް ބޭނުންވާ މައުލޫމާތުދޭ މީހަކަށްދޭ އަދަދު ތިން ގުނަ ބޮޑުކޮށް އެ އަދަދު 85،000 ޑޮލަރަށް އިތުރުކޮށްފި އެވެ.

ތައި ސަރުކާރުން މިއަދު ބުނީ ބޮން ގޮއްވި މައްސަލައާ ގުޅޭ ގޮތުން ތަހުގީގަށް ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް ބެންކޮކްގައި ގިނަ ޓޫރިސްޓުން ގޮސްއުޅޭ ތަނަށް ހޯމަ ދުވަހު ދިން ހަމަލާގެ ތަހުގީގާ ބެހޭ ތަފްސީލު ދެއްވުމަށް ތައި ސަރުކާރުން ވަނީ ދެކޮޅުހަދައިފަ އެވެ.

ބޭންކޮކްގެ އެރަވަން ޝަރައިން ސަރަހައްދަށް ދިން ބޮމުގެ ހަމަލާގައި 22 މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި 14 ބިދޭސީން ހިމެނޭ އިރު ގިނައީ ޗައިނާ އާއި ހޮންކޮންގް މީހުންނެވެ.

އެ ހާދިސާގެ ތަހްގީގަށް އަދި ލިބިފައިވާ ހަމައެކަނި ލީޑަކީ ސީސީޓީވީ ފްޓޭޖަކުން ފެންނަ މަންޒަރެވެ. އެ ފްޓޭޖުން ފެންނަނީ ބެކްޕެކެއް އަޅައިގެން ހުރި، ރީދޫ ކުލައިގެ ޓީޝާޓެއް ލައިގެން ހުރި ބޯ ދިގު ޒުވާނަކު ސައިކަލެއްގެ ފަހަތުގައިދާ ތަނެވެ.

ތައި ސަރުކާރުން ބުނީ ސައިކަލެއްގެ ފަހަތުގައި ދިޔަ އެ މީހަކީ ބިދޭސީއެއް ނޫނީ ބިދޭސީއެއްގެ ސިފަ ދެއްކުމަށް އުޅުނު މީހެއް ކަމަށެވެ.

އެމީހާ އާ ބެހޭ މައުލޫމާތު ދިން މީހަކަށްދޭ ފައިސާގެ އިނާމުގެ އަދަދު ވަނީ ތިން މިލިއަން ބާތު، ނޫނީ 85،000 ޑޮލަރަށް އިތުރުކޮށްފަ އެވެ.

ތައި ސަރުކާރުން ފުރަތަމަ ބެލީ އެ ބޮމަކީ ބޭރުގެ ޓެރަރިސްޓް ނެޓްވޯކަކުން ދިން ހަމަލާއެއް ކަމަށެވެ. ނަމަވެސް އެ ވިސްނުން މިހާރު ވަނީ އެއްފަރާތްކޮށްފަ އެވެ. ފުލުހުސް ކޮމިޝަނަރު ކުރިން ވިދާޅުވީ އެ ހަމަލާ ރޭވުމަށް 10 މީހަކު އެއް މަސް ދުވަސްވަންދެން ޕްލޭން ކުރި ކަމަށެވެ.

އެރަވަން ޝަރައިން ސަރަހައްދަކީ ގިނަ އަދަދަދެއްގެ ޗައިނާ ޓޫރިސްޓުން ޒިޔާރަތް ކުރާ ސަރަހައްދެކެވެ. ނަމަވެސް ތައި ފުލުހުހުން ބުނީ އެއީ ކަނޑައެޅިގެން ޗައިނާ ރައްޔިތުންނަށް ދިން ހަމަލާއެއް ކަމަށް ނުބެލެވޭ ކަމަށެވެ.

މައުލޫމާތު: ރޮއިޓާސް