22 Aug 2015, 09:23
އެކިކަހަލަ ޖަނަވާރު ގެންގުޅުމަކީ ގިނަ ބަޔަކު ލޯބިކުރާ ކަމެކެވެ. ބައެއް މީހުން އެއެއްޗެހި އަމިއްލަ ދަރިންގެ ގޮތުގައި ގެންގުޅޭ އިރު، އެ އެއްޗެހިދެކެވާ ލޯތްބެއްގެ ބޮޑުކަމުން އެކަމަށް އެތައް ހަރަދެއްކުރާ ބަޔަކު ވެސް ވަކި މަދެއްނޫނެވެ. ނަމަވެސް، ދިރިއުޅުމަށް ޓަކައި ގެއެއް ގަންނަންވެގެން އެމެރިކާގެ ދެމަފިރިއަކު އެއްކުރި ފައިސާކޮޅުން، އެމީހުންގެ ލޯބިވާ ބުޅަލުގެ އޮޕަރޭޝަނެއް ކުރި ވާހަކައަކީ ތަފާތު ވާހަކައަކަށްވެދާނެ އެވެ.
އެމެރިކާގެ ނިއުޔޯކް ސިޓީގެ ބަފަލޯ ސިޓީގައިގައި ދިރިއުޅޭ އަންޑްރީ ގޮންޗާ އާއި އޭނާގެ އަނބިމީހާ އެމީހުން ގެންގުޅާ "އޮކީ" ނަމަކަށް ކިޔާ ބުޅަލުގެ ކިޑްނީ ޓްރާންސްޕްލާންޓް ހަދާފައި ވަނީ، ޕެންސިލްވޭނިއާގައި ހުންނަ ޔުނިވާސިޓީ އޮފް ޕެންސިލްވޭނިއާ ވެޓެނަރީ ހޮސްޕިޓަލުންނެވެ.

ކިޑްނީ އޮޕަރޭޝަނަށްފަހު އޮކީ ފަރުވާ ހޯދަނީ ---
ރޯމޭނިއާގެ ކޯރެއްގެ ތެރޭގައި ފުރާނައަށް ތެޅިތެޅި އޮއްވައި ސަލާމަތްކުރި އޮކީގެ ކިޑްނީ ފެއިލްވެ ކުރަންޖެހުނު އެ އޮޕަރޭޝަނަށް އެކަނި ވެސް 16،000 ޑޮލަރު ހަރަދުވެފައިވެ އެވެ. އެއީ ޕެންސިލްވޭނިއާ އަށް ދިއުމަށް އެއާޓިކެޓަށާއި ހޮޓަލަށާއި މެޑިކަލް ޓެސްޓުގެ އިތުރުން އެޕޮއިންޓްމަންޓުތަކުގެ ހަރަދު ނުލަ އެވެ.
ގޮންޗާ ބުނާ ގޮތުން، އެފައިސާއަކީ އޭނާ ގެއެއް ގަންނަން ވެގެން ޑައުންޕޭމަންޓަށް ދައްކަން ހުރި ފައިސާގެ ތެރެއިން އެއްބަ އެވެ. ބުޅަލަކަށްޓަކައި އެހާބޮޑު ހަރަދެއް ކުރުމަކީ މޮޔަކަމެއް ކަމަށް ބައެއް މީހުން ދުއްޓަސް ގޮންޗިއާ ވަނީ އެކަމަށް ރައްދުދީފަ އެވެ.
"އަހަރެން ބުނެލަން ބޭނުން ވަނީ އެހެން ބުނާ ބައެއްގެ ދަރިއަކަށް ނުވަތަ މަންމައަށް ބަލާލުމަށް ފަހު، ހަމަ އެސުވާލު އެމީހުން އަމިއްލަ ނަފްސާ ކޮށްލުމަށް،" ގޮންޗިއާ ބުންޏެވެ.

އޮކީ (ކ) އަދި އޭއްޗަށް ކިޑްނީ ހަދިިޔާކުރި ޗެރީ ---
އުމުރުން މިހާރު 12 އަހަރުވެފައިވާ އޮކީއަށް ކިޑްނީއެއް ހަދިޔާކޮށްފައި ވަނީ، ބުޅާ ހިޔަލެއްގައި އުޅޭ ޗެރީ ގާސިއާ ނަމަކަށްކިޔާ ބުޅަލެކެވެ. އެބުޅަލުގެ ކިޑްނީ ދީފައި ވަނީ، ގޮންޗިއާ އެ ބުޅާ ގެންގުޅެންޖެހޭނެ ކަމަށް ޝަރުތުކޮށްފަ އެވެ.
އޮޕަރޭޝަނަށް ފަހު އޮކީ އާއި ޗެރީގެ ހާލު ވެސް އަންނަނީ ރަނގަޅުވަމުންނެވެ.
"މި ބުޅާ (ޗެރީ ގާސިއާ) ވަނީ އަކީއަށް ހަޔާތުގެ ހަދިޔާދީފައި. ޗެރީ ގާސިއާއަށް އެކަމަށްޓަކައި ޝުކުރު ހައްގު،" ގޮންސިއާ ބުންޏެވެ.
މައުލޫމާތު: ސީބީއެސް ނިއުސް