21 Aug 2015, 14:36
ޣައްޒާ (އޮގަސްޓް 21) : އިސްރާއީލަށް ކަނޑުގެ މަގުން ޖާސޫސުކޮށްދޭ ކޯމަހެއް ހަމާސް ޖަމާއަތުން އަތުލައިގެންފި އެވެ.
ލަންޑަންގައި ނުކުންނަ އަރަބި ނޫހެއްކަމަށްވާ "އަލްގުދްސުއަލްއަރަބީ" ބުނާ ގޮތުން ހަމާސް ޖަމާއަތުން އަތުލައިގަތް ކޯމަހަކީ އިސްރާއީލަށް ޖާސޫސު ކޮށްދިނުމަށް ތަމްރީންކޮށްފައިވާ އަދި ޖާސޫސީ ކުރުމަށްބޭނުންވާ ކެމެރާއާއި އެކިއެކި ސެންސާތަކާއި އާލާތްތައް ހަރުކޮށްފައިވާ ކޯމަހެކެވެ. މި ކޯމަހުގެ ބޭނުމަކީ ހަމާސް ޖަމާއަތުން ޣައްޒާގެ ކަނޑުގެ އައްސޭރިފަށުގައި ހިންގާ އަސްކަރީ ހަރަކާތްތަކަށް ފާރަލުންކަމަށް "އަލްގުދްސުއަލްއަރަބީ" ބުނެއެވެ.
ޙަމާސްގެ މަސްއޫލުވެރިއަކާ ހަވާލާދީ އެނޫސް ބުނާގޮތުން އިސްރާއީލުގެ ޖާސޫސީ އިދާރާ "މޫސާދް" އިންވަނީ އެޑޮލްފިންގެ ގުދްރަތީ އަދި ތަބީޢީ ސުލޫކު މުޅިން ބަދަލުކޮށްލުމަށް ފަހު ޖާސޫސީ ގާތިލް އަކަށް އެސޮރު ބަދަލުކޮށްލާފައެވެ.
ހަމާސް އިން ދާދިފަހުންވަނީ ކަނޑުގެ ބާރެއްވެސް އުފައްދާފަ އެވެ. ޖާސޫސީ ކޯމަސް އަތުލައިގަތް ކަމަށްވަނީ ހަމާސްއިން އަލަށް އުފެއްދި ކަނޑުގެ ބާރުންނެވެ. ފަލަސްތީނުގެ މިނިވަންކަަމަށް ޖިހާދުކުރާ ޖަމާއަތްތަކަށާއި އަރަބި ގައުމުތަކަށް ޖާސޫސު ކުރުމަށްޓަކައި މީގެކުރިން ވެސް އިސްރާއީލުން އެކިބާވަތުގެ ޖަނަވާރުތައް ބޭނުންކޮށްފައިވެ އެވެ. މީގެތެރޭގައި އެކިބާވަތުގެ ބާޒުވެސް ހިމެނެ އެވެ.
ދެހާސް ދިހަ ވަނަ އަހަރު އިސްރާއީލުން މިޔަރު ބޭނުންކޮށްގެން ރަތްކަނޑުގައި މިސްރަށް ޖާސޫސޫކުރާ ކަމަށް މިސްރުގެ ސިފައިން ތުހުމަތުކޮށްފައިވެ އެވެ. އަދި އެއަހަރު ސައޫދީ އަރަބިޔާއިން ވަނީ އެގައުމަށް ޖާސޫސު ކުރުމަށް އިސްރާއީލުން ބާޒުބޭނުންކުރާކަމަށް ތުހުމަތުކޮށްފަ އެވެ. އިސްރާއީލުން ޖީޕީއެސް ހަރުކޮށްފައިވާ ބާޒެއް ސައޫދީ ން އަތުލައިގަތްކަމުގެ ޚަބަރުތަކެއް ވެސް އެދުވަސްވަރު ފެތުރިފައިވެ އެވެ. މިިއިން އެއްވެސް ތުހުމަތަކަށް އިސްރާއީލުން ރައްދު ދީފައެއް ނުވެ އެވެ. (އަލްގުދްސުއަލްއަރަބީ)