21 Aug 2015, 13:41
އަލަށް އެކުލަވާލެވުނު ގައުމީ އާ މަންހަޖުގެ މަގްސަދުތައް ހާސިލްކުރުމަށް ޓަކައި ސްކޫލްތަކާ އެކު އެއް އަމާޒެއްގައި މަސައްކަތް ކުރުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ހުރިހާ ބެލެނިވެރިންގެ ކިބައިން އެދިވަޑައިގެންފި އެވެ.
އއ. ބޮޑޮފޮޅުދޫ މަދަރުސާއަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި އެ ރަށު މަދަރުސާގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އަލަށް އެކުލަވާ ލެވުނު މަންހަޖަކީ ބިނާކުރުވަނިވި އަސާސްތަކެއްގެ މަށްޗަށް އެކުލަވާލެވިފައިވާ މަންހަޖެއް ކަމަށެވެ.
އެގޮތުން، އެ މަންހަޖުގެ މަގްސަދުތައް ހާސިލްކުރުމަށް ޓަކައި ބެލެނިވެރިންނާއި ޓީޗަރުން އަދި ސްކޫލުތަކުގެ ވެރިން ކުރައްވަމުންގެންދަވާ މަސައްކަތްފުޅުތަކަށް މިނިސްޓަރު އައިޝަތު ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.
"އެއް އަސާސަކީ ދަރިވަރުންނަކީ އިސްލާމް ދީނާ އެއްގޮތަށް އަމަލުކުރާ، ކަންކަމާމެދު ރަނގަޅަށް ވިސްނައި ނަފުސުގެ އަގުވަޒަންކުރާ، ބިނާކުރަނިވި އުފެއްދުންތެރި ހިޔާލުހުރި ބަޔަކަށް ހެދުން. އާ މަންހަޖާ އެކު ދަރިވަރުންނަކީ ދެމެހެއްޓެނެވި ތަރައްގީއަށް ލޯބިކުރާ، ޓެކްނޮލުޖީއާއި މީޑިއާ އާއި ރަށްޓެހި ދުޅަހެޔޮ ސިއްހަތެއް ލިބިފައިތިބި ބަޔަކަށް ހެދޭނެ،" މިނިސްޓަރު އައިޝަތު ވިދާޅުވި އެވެ.
ހަފްލާގައި ދަރިވަރުންނާ މުހާބަތު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ބޮޑުފޮޅުދޫ މަދަރުސާގެ ޕްރިންސިޕަލް ފަޒީނާ ރަޝީދު ވިދާޅުވީ، ސްކޫލް މާ އުޖާލަކޮށް ރޯޝަންކަމާ އެކު އަންނަން އޮތް ޖީލުތަކަށް ރައްދުކޮށްދެއްވުމަކީ ދަރިވަރުންގެ މަސްއޫލިއްޔަތަކަށް ވާން ޖެހޭ ކަމަށެވެ.
މީގެ އިތުރުން، ދަރިވަރުންނަށް ސްކޫލަށް ކޮށްދެވޭނެ އެންމެ ބޮޑު ހިދުމަތަކީ ރަށު ފެންވަރުގައާއި އަތޮޅު ފެންވަރުގައި އަދި ގައުމީ ފެންވަރުގައާއި ބައިނަލް އަގްވާމީ ފެންވަރުގައި ރަން ވަނަތަކެއް ހާސިލްކުރުން ކަމަށް ވެސް ފަޒީނާ ވިދާޅުވި އެވެ.
"އެފަދަ ރަން ވަނަތަކުން އެންމެނަށް ހިނިތުންވުމާއި އުފާވެރިކަން ގެނައުމަށް އަޒުމް ކަނޑައަޅައި އެ މަސައްކަތްކޮށްދިނުމަށް ދަރިވަރުންގެ ކިބައިން އެދެން." ޕްރިންސިޕަލް ވިދާޅުވި އެވެ.
ބޮޑުފުޅަދޫ މަދަރުސާއަކީ 1990 ވަނަ އަހަރު ހުޅުވި ސުކޫލެކެވެ. އެ ސްކޫލްގައި ގްރޭޑް އެކަކުން 10 އަކަށް ކިޔަވައިދޭ އިރު ސްކޫލުގައި މިއަހަރު 150 އަށް ވުރެ ގިނަ ކުދިން ދަނީ ތައުލީމް ހާސިލްކުރަމުންނެވެ.