14 Mar 2011, 11:39
މިދިއަ މަހު އަވަހާރަވި މަޝްހޫރު ޅެންވެރިޔާ ޑޭޒީމާގޭ އާމިނަތު ފާއިޒާގެ ހަނދާނުގައި ތައުޒިޔާގެ ދަފުތަރެއް ގައުމީ ޔުނިވާސިޓީން އާންމުކޮށް ހުޅުވާލައިފި އެވެ.
ޔުނިވާސިޓީގެ ދިވެހި ބަހާ ތާރީހާ ބެހޭ މަރުކަޒުން ބުނީ މިދއަ މަހުގެ 25 ވަނަ ދުވަހު އަވަހާރަވި ފާއިޒާގެ ހަނދާނުގައި ހުޅުވި ތައުޒިޔާ ފޮތް ބާއްވާފައި އޮންނާނީ ސޯސަންގޭގައި ހުންނަ ޔުނިވާސިޓީގެ ފޮތް ފިހާރައިގައި ކަމަށާއި ތައުޒިޔާގެ ފޮތުގައި ސޮއިކުރުމުގެ ފުރުސަތު ބަނދު ދުވަސްތައް ފިޔަވައި ހުރިހާ ދުވަހެއްގައި ވެސް އޮންނާނެ ކަމަށެވެ.
ޅެންވެރިޔާ އަދި ލިޔުންތެރިޔާ، ފާއިޒާ އަވަހާރަވީ އުމުރުފުޅުން 86 އަހަރުގައި ސްޓްރޯކެއް ޖެހި ހާލުކޮޅު ސީރިއަސް ވެ އައިޖީއެމް އެޗުގައި ފަރުވާ ދެމުން ދަނިކޮށެވެ.
އިޝްގީ ޅެންް ހެއްދެވުމުގައި އާދަޔާ ހިލާފު ކުޅަދަނާކަމެއް ލިބިވަޑައިގެންފައިވާ ފާއިޒާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 30 ސެޕްޓެމްބަރު 1924 ގައި ގ. ބޮޑުފެންވަޅުގޭގަ އެވެ. ބައްޕަ އަކީ އަލްމަރުޙޫމް ޔޫސުފް މޫސާ، ބެރުގޭ ޔޫސުފް ފުޅެވެ. މަންމައަކީ ބޮޑުފެންވަޅުގޭ ދޮންދީދީ އެވެ.
އުމުރުފުޅުން 86 އަހަރުފުޅުގެ ފާއިޒާ އަކީ ރާއްޖޭގައި އެންމެ ފުރަތަމަ އުފެއްދި ސިޔާސީ ޕާޓީ ކަމަށްވާ މުތަގައްދިމް ޕާޓީގެ އިސްތިޝާރީ ކޮމިޓީގެ މެމްބަރު ކަމުގެ އިތުރުން ދިވެހި ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް މުހައްމަދު އަމީން ދީދީ އުފެއްދެވި ދިވެހި ޅެންވެރިންގެ ބަގީޗާގެ ތެރެއިން އުފެދިގެން އައި ކުޅަދާނަ އާދަޔާހިލާފު ޅެންވެރި އެކެވެ. ޅެންވެރިކަމުގައި އޭނާއަށް ނިސްބަތް ކުރަނީ ޑޭޒީމާގެ ނަމުގައެވެ.
އުމުރުފުޅުން 20 އަހަރުގައި ޅެން ހައްދަން ފެއްޓެވި ފާއިޒާ އަކީ މަދަރުސަތުއް ސަނިއްޔާގެ ނާޒިރާގެ ނައިބު ކަމާއި ސަނިއްޔާގެ މުދައްރިސާ ކަމާއި ދިވެހި ބަހާ އަދަބަށް ހިދުމަތްކުރާ ގައުމީ މަޖިލީހުގެ މެންބަރުކަމާއި އެމަޖިލީހުގެ އެހިތެރިޔާ ކަން ކުރެއްވެވި ބޭކަނބަލެކެވެ.