21 Aug 2015, 11:22
ގްރީސްގެ ބޮޑުވަޒީރު އެލެކްސިސް ސިޕްރާސް އިސްތިއުފާ ދެއްވައި އިންތިހާބަކަށް އިއްޔެ ގޮވާލައްވައިފި އެވެ.
މިދިޔަ ޖެނުއަރީ މަހު އިންތިހާބުވި ސިޕްރާސް އާ އިންތިހާބަކަށް ގޮވާލެއްވީ ޔޫރަޕުން ހޯދި ދަރަނި ޔަގީންކޮށްދިނުމުގެ ގޮތުން އޭނާ އިސްތިއުފާ ދެއްވައި އިތުރު އިންތިހާބަކަށް ދިއުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވުދާޅުވެ އެވެ.
ބީބީސީ އިން ބުނީ އަދި އިންތިހާބު ބާއްވާ ދުވަސް ރަސްމީކޮށް އިއުލާން ނުކުރާ ކަމަށާއި ނަމަވެސް ސެޕްޓެމްބަރު 20ގައި އިންތިހާބު ބޭއްވުމަށް ވާހަކަތައް ފެތުރިފައިވާ ކަމަށެވެ.
އިންތިހާބުގައި ވާތުފިޔައިގެ ސިރިޒާ ޕާޓީ އިން ސިޕްރާސް ވެސް ވާދަަކުރައްވާނެ އެވެ. ނަމަވެސް ދަރަންޏަށް ޔޫރަޕުން ފައިސާ ހޯދުމަށް މާލީ ނިޒާމަށް ގެނައި ބަދަލުގެ ސަބަބުން ސިޕްރާސްގެ ޕާޓީ މެންބަރުންގެ މެދުގައި ވެސް ވަނީ ހިޔާލުތަފާތުވުންތައް ކުރިމަތިވެ، ރުޅިވެރިކަން އިތުރުވެފަ އެވެ.
ގްރީސް ޔޫރަޕިއަން ޒޫންގައި ބޭއްވުމަށް ސިޕްރާސް ވަނީ ވަރަށް ބޮޑެތި ބަދަލު ގެންވައިފަ އެވެ. އޭގެ ތެރޭގައި ޕެންޝަންގެ އުސޫލުތައް މުރާޖާކޮށް ޕެންޝަންތައް ކުޑަކުރުން ހިމެނެ އެވެ.
ޔޫރަޕިއަން ޕާލަމެންޓުން ނިންމުމާ އެކު ބުރާސްފަތި ދުވަހު ވަނީ ގްރީސް އަށް 13 ބިލިއަން ޕައުންޑް ( 14.5 ބިލިއަން ޑޮލަރު) ދޫކޮށްފަ އެވެ. އެ ފައިސާ އިން ޔޫރަޕިއަން ސެންޓަރަލް ބޭންކަށް ގްރީސް އިން ދަރާފައިވާ ދަރަނި އަދާކުރެވޭނެ އެވެ. އަދި އެ ފައިސާ ލަސްނުކޮށް ދައްކަން ޖެހެ އެވެ.
މުޅި ޕެކޭޖުގެ ދަށުން ގްރީސް އަށް ތިން އަހަރުގެ ތެރޭގައި 86 ބިލިއަން ޕައުންޑްގެ ދަރަނި ލިބި އެވެ.
ސިޕްރާސް ޓީވީ މެދުވެރިކޮށް ބުރާދަތި ދުވަހު ވިދާޅުވީ ޖެނުއަރީ މަހު 25 ވަނަ ދުވަހު ރައްޔިތުން އޭނާ އަށް ދިން މޭންޑޭޓުން މިހާރު ބޭރުވެފައިވާ ކަމަށާއި އަދި މުއްދަތު ވެސް ހަމަވެފައިވާ ކަމަށެވެ. އަދި ރައްޔިތުން ބަސް ބުނަން ޖެހޭ ކަމަށެވެ.
"އަހަރެން ބޭނުން ރައްޔިތުންނަށް ތެދުވެރިވާން، ޖެނުއަރީ މަހުގެ އިންތިހާބުގެ ކުރީން ހޯދަން އުޅުނު ދަރަނި އޭރަކު ހަމައެއް ނުޖެހުނު،" ސިޕްރާސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އޭނާގެ ސަރުކާރުގެ ޕްރޮގަރާމް ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ ހުއްދަ ބޭނުންވާ ކަމަށެވެ.
ޖެނުއަރީ މަހު އިންތިހާބަށް ދިޔަ އިރު ދަރަނި ނެގުމަށް ސިޕްރާސް ދެކޮޅު ހެއްދެވި އެވެ. ނަމަވެސް ހަތް މަހުގެ ތެރޭގައި އޭނާގެ ސިޔާސަތު ބަދަލު ކުރައްވައި ގައުމުގެ ދަރަނި ފޫބެއްދުމަށް އޭނާ ލޯނަށް އެއްބަސްވި އެވެ. އޭނާ މިހާރު ބޭނުން ވަނީ ދަރަނިތައް ހަލާސްކޮށް އޭނާ ބޭނުންވާ ގޮތަށް ސަރުކާރު ހިންގުމަށް ރައްޔިތުންގެ ތާއީދެ އެވެ. އެއޭގެ ނަތީޖާއަކީ ހަރަދުތައް ކުޑަކޮށް، ޓެކްސް ބޮޑުކުރުމެވެ. ދަރަނީގެ ތިންވަނަ ބައި އޮތީ ތައްޔާރަށެވެ. އޭނާ ވިދާޅުވީ އޭނާގެ ދަރަނި އެއީ ރައްޔިތުން ގަބޫލުކުރާ އެއްޗެއްކަން އެނގެން ޖެހޭ ކަމަށެވެ. އަދި އެކަން އެނގޭނީ ވޯޓުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވަނީ ރައީސް ޕްރޮކޯޕިސް ޕަވްލޮޕޫލޮސް އާ ބައްދަލުކުރައްވައި އިސްތިއުފާ ހުށަހައްޅުއްވައިފަ އެވެ.

ރައީސް ޕްރޮކޯޕިސް ޕަވްލޮޕޫލޮސް ސިޕްރާސް
ބޮޑުވަޒީރު އިސްތިއުފާ ދެއްވުމުން އިންތިހާބާ ހަމަ އަށް ގްރީސްގައި ހަމަޖައްސަން ޖެހޭނީ ކެއާ ޓޭކާ ސަރުކާރެކެވެ.