ދެވަނަ ބޮޑު ހަނގުރާމަ ތެރޭގައި އައްޑޫ ސިޓީގައި އިމާރާތްކުރި "ބޮޑަގެ" މަރާމާތުކޮށް އާބާތުރަ ފިލުވުމަށް އައްޑޫ ސިޓީ ކައުންސިލުން ބަޔަކާއި ހަވާލުކޮށްފި އެވެ.

އައްޑޫ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު އަބްދުﷲ ތައްޔިބު ވިދާޅުވީ އެ މަސައްކަތް ހަވާލު ކުރީ މަރަދޫފޭދޫ އިދްރީސް ކާޕެންޓްރީއާ އެވެ. އެ ކާޕެންޓުރީއާ މަސައްކަތް ހަވާލުކުރީ އިއުލާން ކުރުމަށްފަހުގައި ކަމަށާއި 60 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް އެއްބަސްވެފައިވާ ކަމަށް ތައްޔިބު ވިދާޅުވި އެވެ.

"އެ އިމާރާތަކީ ވަރަށް ތާރީހީ އިމާރާތެއް. މީހުން އާބާދުވެފައި ހުރި ރަށެއްގައި އިނގިރޭސިންގެ ތާރީހު ދައްކައިދޭ އެންމެ ބޮޑު ބިނާއަކީ ވެސް އެ ބިނާ. ދެން ގަމުގައި އިނގިރޭސިން އުޅުނީ،" ތައްޔިބު ވިދާޅުވި އެވެ.

ތައްޔިބު ވިދާޅުވީ އެކި ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މަޝްރޫއުގައި ފުރަތަމަ އޮތީ މަރާމާތުކުރުން ކަމަށެވެ. އަދި އެކަމަށް ފަސް ލައްކަ ރުފިޔާ ކައުންސިލު ބަޖެޓުން ހަރަދު ކުރާ ގޮތަށް ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެތަނަކީ އިނގިރޭސިން ހޮސްޕިޓަލެއްގެ ގޮތުގައި ބޭނުން ކުރަމުން އައިސްފައިވާ ތަނެއް ކަމަށާއި އެކަން ތާރީހުން ފެންނަން އެބަހުރި ކަމަށެވެ. އަދި ދެވަނަ ބޮޑު ހަނގުރާމަ ނިމި ސުވައިދީބު ސަރުކާރު އައްޑޫގައި ގާއިމުވެގެން ދިޔައިރު ސުވައިދީބު ސަރުކާރުގެ އޮފީހެއްގެ ގޮތުގައި ވެސް "ބޮޑަގެ" ބޭނުން ކުރަމުން އައިސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.