އަންނަ މަހު 15 ގައި ޗައިނާގެ ވެރިރަށް ބެއިޖިންގައި ބާއްވަން ނިންމާފައިވާ، މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމް (އެމްއައިއެފް) ފަސްކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓުރީއިން ބުނީ ދެ ވަނަ އިންވެސްޓްމަންޓު ފޯރަމް ފަސްކުރީ ޗައިނާގެ ޓިއަންޖިންގްގައި ހިނގާފައިވާ ހިތާމަވެރި ހާދިސާއާއި ގުޅިގެން ކަމަށެވެ. ދެން އިންވެސްޓްމަންޓު ފޯރަމް ބާއްވާނ މިއަހަރުގެީ އޮކްޓޫބަރުމަހު ފަހުކޮޅުގައި ހަމަ ބެއިޖިންގައި ކަމަށްވެސް އިކޮނޮމިކް މިނިސްޓުރީއިން ބުންޏެވެ.

"ކުރިންވެސް ކަނޑައެޅިފައިވާ ސްކޭލުގައި އަދި ރޭވިފައިވާ ހުރިހާ ޕްރޮގުރާމްތަކާއެކު އޮކްޓޫބަރު މަހުގެ ފަހުކޮޅުގެ ތާރީހެއްގައި މޯލްޑިވްސް އިންވެސްޓްމަންޓު ފޯރަމް 2015 ޗައިނާގެ ބެއިޖިންގައި ކުރިއަށްދާނެ." އިކޮނޮމިކް މިނިސްޓުރީއިން ބުންޏެވެ.

އޮކްޓޫބަރު މަހުގެ ފަހުކޮޅު އެފޯރަމް ބާއްވާއިރު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އާއި ޗައިނާ ސަރުކާރުގެ އިސްވެރިންނާއި އެގައުމުގެ ވިޔަފާރިވެރިން ފޯރަމުގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް އިކޮނޮމިކް މިނިސްޓުރީން ބުންޏެވެ.

ބެއިޖިންގައި ބާއްވާ އިންވެސްޓްމަންޓް ފޯރަމްގައި ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުސަތުތަކާއި ރާއްޖޭން އިންވެސްޓަރުންނަށްދޭ ރައްކާތެރިކަމާއި ބެހޭގޮތުން ވާހަކަ ދައްކާނެ އެވެ.

އެގޮތުން މިފަހަރުގެ ފޯރަމްގައި ބޮޑަށް އިސްކަންދޭ ދާއިރާތަކުގެ ތެރޭގައި ބޭންކިން އަދި ފައިނޭންސްގެ ދާއިރާ ހިމެނެ އެވެ. އޭގެ އިތުރުން ރިއަލް އެސްޓޭޓާއި ޓޫރިޒަމް ދާއިރާގައި ހުރި އިންވެސްޓްމެންޓް ފުރުސަތުތަކާ ގުޅޭގޮތުން ވެސް މިފަހަރުގެ ބައްދަލުވުމުގައި ވާހަކަ ދައްކާނެ އެވެ.

މިފަހަރުގެ ފޯރަމްގައި ޖުމްލަ 800 ފަރާތަކުން ބައިވެރިވާނެ އެވެ. އޭގެ ތެރޭގައި ޗައިނާގެ އެންމެ ބޮޑު 100 ވިޔަފާރި ކުންފުނި ހިމެނޭ އިރު، "މޯލްޑިވްސް އިންވެސްޓްމެންޓް މެގަޒިން" ގެ ނަމުގައި މެގަޒިން އެއްވެސް ލޯންޗްކުރާނެ އެވެ.