އެމެރިކާގެ މަޝްހޫރު ވިޔަފާރި މަޖައްލާ، ފޯބްސް ނެރުނު ހޮލީވުޑްގެ އެންމެ އަގުބޮޑު ބަތަލާއިންގެ ލިސްޓުގެ އެއްވަނަ މަޝްހޫރު ފިލްމު ސީރީސް "ހަންގާ ގޭމްސް" ގެ ތަރި ޖެނިފާ ލޯރެންސް ހޯދައިފި އެވެ.

ދެހާސްތޭރަ ވަނަ އަހަރު ބޭއްވި އޮސްކާ އެވޯޑްސްގައި އެމެރިކާގެ ލޯބީގެ މަޖާ ޑްރާމާ ފިލްމު، "ސިލްވާ ލައިނިންސް ޕްލޭބުކް" އިން އެންމެ މޮޅު ބަތަލާގެ އެވޯޑް ހޯދި ލޯރެންސް، ދުނިޔޭގެ އެންމެ އަގުބޮޑު ބަތަލާއަކަށް ވެފައިވަނީ އޭނާއަށް މިދިޔަ އަހަރު ލިބުނު 52 މިލިއަން އެމެރިކާ ޑޮލަރުގެ ފައިދާއާއެކުއެވެ.

އުމުރުން އެންމެ 25 އަހަރުގެ ޒުވާން ލޯރެންސްއަކީ ފިލްމުތަކުން އޭނާއަށް ލިބޭ އާމްދަނީގެ އިތުރުން ފްރާންސްގެ ފެޝަން އަދި ބިއުޓީ ކުންފުންޏެއް ކަމަށްވާ، ޑިއޯގެ އުފެއްދުންތައް އިސްތިހާރުކޮށްދީގެން ބޮޑު އާމްދަނީއެއް ހޯދާ ތަރިއެކެވެ.

ފޯބްސް އިން ނެރުނު އެންމެ އަގުބޮޑު ބަތަލާއިންގެ ލިސްޓު -- ފޮޓޯ/ ޑެއިލީ މެއިލް

އެންމެ އަގުބޮޑު ބަތަލާގެ ލިސްޓުގެ ތާޖު ލޯރެންސް ހޯދި ނަމަވެސް، އެންމެ އަގުބޮޑު ބަތަލާގެ މަގާމް ހޯދާފައިވާ "އަޔަން މޭން" ގެ ތަރި ރޮބާޓް ޑައުނޭ ޖޫނިއާއާ ގާތައްވެސް އޭނާއަށް ދެވިފައެއްނުވެއެވެ. މިއަހަރު ފޯބްސް އިން ނެރުނު އެންމެ އަގުބޮޑު ބަތަލުންގެ ލިސްޓުގެ އެއްވަނާގައި އޮތް ޑައުނޭ އަށް މިދިޔަ އަހަރު އެކަނިވެސް ވަނީ 80 މިލިއަން ޑޮލަރުގެ ފައިދާއެއް ލިބިފައެވެ.

ލޯރެންސްގެ ފަހަތުން އެންމެ އަގުބޮޑު ބަތަލާއަކަށް ހޮވިފައިވަނީ، ސްކާލެޓް ޖޯހަންސަން އެވެ. އޭނާއަށް ލިސްޓުގެ ދެވަނަ ލިބިފައިވަނީ މިދިޔަ އަހަރު އޭނާއަށް ލިބުނު 35.5 މިލިއަން އެމެރިކާ ޑޮލަރުގެ ފައިދާއާއެކުއެވެ.

އާމްދަނީގެ ގޮތުގައި ލިބުނު 23 މިލިއަން އެމެރިކާ ޑޮލަރާއެކު "މައިކް އެންޑް މޮލީ" ގެ ތަރި މެލީސާ މެކްކާތީ އަށް ލިސްޓުގެ ތިންވަނަ ލިބުނުއިރު، "އެކްސް މެން- ޑޭސް އޮފް ފިއުޗާ ޕާސްޓް" ގައި ފެނިގެންދާ ޗައިނާގެ ބިންގުބިންގު ފޭން އޮތީ ލިސްޓުގެ ހަތަރު ވަނައިގަ އެވެ.

ލިސްޓުގައި ހިމެނޭ ހަމައެކަނި އެމެރިކާއަށް ނިސްބަތްނުވާ ތަރި ބިންގުބިންގު ފޭންއަށް މިދިޔަ އަހަރު 21 މިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ. މިއީ ލިސްޓުގެ ފަސްވަނައިގާ އޮތް ކުރީގެ މަޝްހޫރު ފިލްމު ސީރީޒް "ފްރެންޑްސް" ގެ ތަރި ޖެނިފާ އެނިސްޓަން އަށް މިދިޔަ އަހަރު ލިބުނު އާމްދަނީއަށްވުރެއް 4.5 މިލިއަން ޑޮލަރު ބޮޑު އަދަދެކެވެ.

ކޮސްމެޓިކް ސާމާނާއި ފެންފުޅި އިސްތިހާރުކޮށްގެން ބޮޑު އާމްދަނީ އެއް ހޯދާ ބަތަލު ޖެނިފާ އެނިސްޓަން އަށް މިދިޔަ އަހަރު ލިބިފައިވަނީ 16.5 މިލިއަން އެމެރިކާ ޑޮލަރެވެ.

ފޯބްސް އިން ކޮންމެ އަހަރަކު ނެރެމުން އަންނަ އެންމެ އަގުބޮޑު ތަރިންގެ ލިސްޓަކީ ތަރިންނަށް ލިބޭ އާމްދަނީން މެނޭޖްމަންޓް ފީ އަދި ޓެކްސް ކެނޑުމަށްފަހު ލިބޭ ސާފު ފައިދާގެ މައްޗަށް ބިނާކޮށް ނެރެމުން އަންނަ ލިސްޓެކެވެ. އެ ލިސްޓު ނެރުމުގައި ނިއެލްސަން، ބޮކްސް އޮފީސް މޯޖޯ އަދި އައިއެމްޑީބީގެ އިތުރުން ތަރިންގެ އެޖެންޓުންނާއި މެނޭޖަރުންގެ އިތުރުން ލޯޔަރުންގެ ފަރާތުން ވެސް މައުލޫމާތު އެއްކުރެއެވެ.