މިނިވަން ފަންސާސް ފުޓްބޯލް ޗެމްޕިއަންޝިޕްގައި ވާދަކުރާ ގދ. ތިނަދޫ ޓީމް މުބާރާތުގައި ވާދަކުރަނީ މީގެ އަހަރުތަކެއް ކުރިން މާލޭގައި ބާއްވަމުން ދިޔަ ޒޯން ފުޓްބޯލް ޗެމްޕިއަންޝިޕްގައި ހޯދި ކަމިޔަބުތައް ތަކުރާރު ކުރުމަށެވެ. ޒޯން ފުޓްބޯޅަ މުބަރާތުގެ ތަށި ޖެހިޖެހިގެން ތިން ފަހަރު ކަމިޔާބުކުރި ތިނަދޫ ސްޕޯޓްސް އަކީ ޒޯން ފުޓްބޯޅަ މުބާރާތުގެ ވަރުގަދަ ބާރެކެވެ.

މިނިވަން 50ގެ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރަށްރަށުން ބޭނުންކުރާނެ ދިދަތައް އާންމުކުރުމުން އެންމެ އަޅައިގަތީ ތިނަދޫ ދިދަ އެވެ. ތިނަދޫ ޓީމުގެ ދިދައިން ރަމްޒުކޮށްދެނީ ޔުނައިޓަޑް ސުވައިދީބް އައިލެންޑްސް ނުވަތަ ޔުނައިޓަޑް ސުވައިދީބުގެ ދިދަ އެވެ.

ޔުނައިޓަޑް ސުވައިދީބް ރިޕަބްލިކް ނުވަތަ އެކުވެރި ސުވައިދީބް ޖުމްހޫރިއްޔާ އަކީ އޭރު ދިވެހި ސަރުކާރާ ހިޔާލު ތަފާތުވެ އޭރު ދެކުނުގެ ތިން އަތޮޅު ވަކި ދައުލަތެއްގެ ގޮތުގައި އުފެއްދުމަށް ޓަކައި އެދައުލަތަށް ކިޔައި އުޅުނު ނަމެވެ. އެހަރަކާތުގެ ތެރެއިން ދައުލަތުގެ ސިއްކައަކާއި ދިދައެއް ވެސް އާންމު ކުރި އެވެ.

ސުވައިދީބްގެ ދިދަ ދެކުނުގެ ތިން އަތޮޅުން ދިވެހި ސަރުކާރާ ހިޔާލު ތަފާވެ ވަކި ދައުލަތެއްގެ ގޮތުގައި އުފައްދަން މަސައްކަތް ކުރި ސުވަދީބު ދައުލަތުގެ ދިދަ ----

ތިނަދޫ ޓީމްގެ ދިދައަކީ ސުވައިދީބްގެ ދައުލަތުގެ ގެނަމުގައި ގެންގުޅުނު ދިދައިގެ ބޭނުން ކުރި ކުލަތަކެވެ. އެދިދައިގައި ބޭނުންކޮށްފައިވާ އަކަތަކާއި ފާހަގަތައް ވެސް އެއްގޮތެވެ. ނަމަވެސް ތިނަދޫ ޓީމުން އާންމު ކުރި ދިދައަށް ގެނެސްފައި ވަނީ ކުޑަ ބަދަލެކެވެ. ސުވައިދީބް ދިދަ ހުރިގޮތް ފިޔަވައި، އޭގެ އަނެއް ކޮޅަށް ބަދަލުކޮށް ތިނަދޫ ޓީމުން ދިދަ ބޭނުންކުރުމެވެ.

ތިނަދޫ ޓީމުން މިނިވަން 50 ޗެމްޕިއަންޝިޕްގައި ބޭނުން ކުރާ ދިދަ ----

ނަވާރަސަތޭކަ ފަންސާސް ނުވަވަނަ އަހާރާއި 1963 ވަނައަހަރާ ދެމެދު ހިންގުނު ސުވައިދީބް ސިޔާސި ހަރާކާތްތަކުގައި ވެސް މުހިންމު އެއް ރަށަކީ ތިނަދޫ އެވެ.

ތިނަދޫއަކީ އެ ރަށުގެ ނަމުގެ ކުރިއަށް ހާއްސަ ލަފުޒެއް އިތުރުކޮށްގެން ބޭނުން ކުރި ރަށެކެވެ. އެރަށުގެ ރައްޔިތުން ދެކެފައި ވަނީ އެއީ އެރަށުގެ ފަހްރެއް ކަމަށެވެ. ނަމަވެސް 'ހަވަރު' މިލަފުޒު އެރަށުގެ ނަމުން އުނިކުރިތާ 36 އަހަރު ފާއިތުވި އިރު ވެސް އެލަފްޒުގެ ފަހްރު ތިނަދޫ ރައްޔިތުންގެ ހިތުން ފިލައިގެން ނުދެ އެވެ.

އެ ރަށުގެ މާޒި އިން ފެނުނު ރަށުވަންތަކަމުގެ މިސާލު އެރަށުން ފިލައިގެން ނުދާކަން ހާމަކޮށްދެ އެވެ. މުޅި ރާއްޖެއަށް ހުޅުވަލައިގެން ކުރިއަށްދާ މިނިވަން ފަންސާސް ފުޓްބޯޅަ ޗެމްޕިއަން ޝީޕްގައި ވެސް މުޅި ތިނަދޫ އެކުވެރިކަން ރަމްޒުކޮށްދިން ހަރަކާތުގެ ދިދަ ބޭނުން ކުރަނީ އެހެންވެގެންނެވެ.

ރަށު ރައްޔިތުންގެ މެދުގައި ރަށު ވަންތަ ރޫހް އުފެއްދުމަށެވެ. ރަށު ޓީމާއެކު ރަށުގެ އެންމެހާ ރައްޔިތުން ދެމިތިބޭކަން ހާމަކުރުމަށެވެ.

ތިނަދޫ ޓީމްގެ މީޑިއާ އޮފިޝަލް އަހްމަދު އަހްތަރު ސަން އަށް ވިދާޅުވި ގޮތުގައި ތިނަދޫއިން ސުވައިދީބްގެ ދިދަ ރަމްޒުކޮށްފައި ވަނީ ވަކިވެ ގަތުމަކަށް ނޫނެވެ. ޒަމާނުންސުރެ ރަށުގެ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަން އާލާ ކުރުމަށެވެ.

"އެއީ ފަހަރެއްގައި ވެސް ވަކިވެ ގަތުމުގެ ހިޔާލެއް ނޫން. އެއީ އޭރު އޮތް އެކުވެރިކަން ތިނަދޫ ރައްޔިތުންގެ މެދުގައި އާލާކުރުގެ ގޮތުން ގެނެވުނު ހިޔާލެއް.' އަހްތަރު ވިދާޅުވި އެވެ.

ތިނަދޫ ޓީމުން ސުވައިދީބުގެ ދިދަ ބޭނުން ކުންކަރަނީ ދިދަ ހުރިގޮތް ފިޔަވައި، އޭގެ އަނެއް ކޮޅަށް ބަދަލުކޮށްގެން ---

ކޮންމެ ޓީމެއްވެސް ކާމިޔާބާ ހަމަޔަށް ވާސިލްވުމުގައި އެޓީމްގެ ސަޕޯޓަރުން މުހިންމު ދައުރެއް ކުރާނެ އެވެ. ތިނަދޫ ޓީމުން ނިކުންނަނީ ރަށުގެ ސަޕޯޓަރުންގެ މެދުގައި ރަށުވަންތަ ރޫހް އުފައްދައި މިވަން ފަންސާސް ފުޓްބޯޅަ ޗެމްޕިއަންޝިޕްގައި ކާމިޔަބު ހޯދުމަށެވެ.

ތިނަދޫ ފުރަތަމަ މެޗް ތާރީހީ ދުވަހެއްގައި

މިނިވަން ފަންސަސް ޗެމްޕިއަންޝިޕްގައި ތިނަދޫ ކުޅޭ ފުރަތަމަ މެޗް މިއަދު ފަރެސްމާތޮޑާ ޓީމާ ދެކޮަޅަށް ތިނަދޫގައި ނިކުންނަ އިރު، އެމެޗް ވެގެންދަނީ ތިނަދުގެ ހަޔާތުގައި ތާރީހީ ދުވަހަކަށެވެ.

އެއީ ސުވައިދީބުގެ ދިދަ ނަގައި 'އެދައުލަތުގެ ދިދައިގެ ދަށަށް' ތިނަދޫ ދިޔަކަން އިއުލާން ކުރުމާ އެކު ދިވެހި ދައުލަތުގެ ބާރުގެ ދަށަށް ތިނަދޫ ގެންދިއުމަށް ހިނގައި ދިޔަ ހަމަނުޖެހުންތަކުގަތެރޭގައި ތިނަދޫ ފަޅު ކުރުމަށް ފަހު ދެ ވަނަ ފަހަަރަށް އެރަށުގައި މީހުން ވަޒަންވެރިވި ދުވަހެވެ. ނަވާރަސަތޭކަ ފަސްދޮޅަސް ދެ ވަނަ އަހަރު ތިނަދޫގެ ރައްޔިތުން އެރަށުން ބާލައި އެއަހަރުގެ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހު ފަޅު ރަށެއްގެ ގޮތުގައި ހަމަޖެއްސި އިރު އޭގެ ހަތަރު އަހަރު ފަހުން 1966 ވަނަ އަހަރު އޯގަސްޓް މަހުގެ 22 ވަނަ ދުވަހު ތިނަދޫ ރައްޔިތުން ދެ ވަނަ ފަހަރަށް އެރަށުގައި ވަޒަންވެރިވި އެވެ.

އޭގެ 49 އަހަރުފަހުން، ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސާބަތުގައި ކުރިއަށްދާ މިނިވަން 50ގެ ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗް އަމިއްލަ ފަސްގަނޑުގައި ކުޅޭއިރު އެމެޗަށް ތިނަދޫ ނިކުންނަނީ 100 ޕަސަންޓް ތިނަދޫ ހިއްސާ ކުރާޓީމެކޭ ބުނަމުންނެވެ.

ތިނަދޫ ޓީމް

ތިނަދޫ ޓީމުގައި މުޅި ހިއްސާއަކި 100 ޕަސެންޓް ތިނަދޫއިން ހިއްސަވާ ޓީމެކެވެ. ތިނަދޫ ތީމް އެކުލަވާލައިފައި ވަނީ ރަށުން ބޭރުގައި ދިރިއުޅޭ އެއްވެސް ކުޅުންތެރިޔަކު ނުހިމަނަ އެވެ. ތިނަދޫއިން ވަރުގަދަ ޓީމެއް ނެރެފައި ވަނީ މުޅިން ވެސް ރަށުގައި ދިރިއުޅޭ ކުޅުންތެރިން ހިމަނައިގެންނެވެ.

"ނުހުންނާނެ ރަށުން ބޭރުގައި ދިރިއުޅޭ ނުވަތަ ރިޒޯޓެއްގައި ވަޒީފާ އަދާކުރާ އެއްވެސް ކުޅުންތެރިޔަކު. ވަރުގަދަ ޓީމެއް މިނެގީ މުޅިން ތިނަދޫގައި ވަޒީފާ އަދާ ކުރާ ތިނަދޫގައި ދިރިއުޅޭ ކުޅުންތެރިންގެ ތެރެއިން،" އަހްތަރު ވިދާޅުވި އެވެ.

ޓީމްގެ ކޯޗުންނާއި އޮފިޝަލުންގެ ގޮތުގައި ތިބީ ރާއްޖޭގެ ގައުމީ ފެންވަރުގެ ފުޓްބޯޅައިގެ ހިއްސާވި ފަރާތްތަކެވެ. ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރަނީ ތިނަދޫއަށް ފުޓްބޯޅައިގެ ގިނަ ކަމިޔާބީތަކެއް ހޯދައިދިނުމުގައި ޑިފެންސްލައިގައި ހިއްސާވި ކުޅުންތެރިޔެކެވެ. އެއީ މިވަގުތު ތިނަދޫގައި ހުރި ފުޓްބޯޅައިގެ އެންމެ ތަޖުރިބާ ބޮޑު ސިކުނޑި އެވެ.

ޓީމްގެ އޮފިޝަލުންގެ ތެރޭގައި ކުލަބު ވެލެންސިއާއަށް ކުޅުނު ރާއްޖޭގެ މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އެންމެ ފުރަތަމަ ގައުމީ ޓީމަށް ކުޅުނު އަހްމަދު ޝަފީޤް (އުދުހޭ ސައްޕެ) މެންފަދަ ކުޅުންތެރިންގެ ހިއްސާ ޓީމްގައި ބޮޑެވެ.

މިހާރު އުމުރުން 60 ގެ އަހަރުތަކާ ގާތްކުރަމުންދާ އުދުހޭ ސައްޕެއަކީ މިއަދު ވެސް ފުޓްބޯޅައިގައި ހަރަކާތްތެރިކޮށް ފެންނަ ފަރާތެކެވެ. ތިނަދޫގައި ހިންގާ ފުޓްބޯޅަ ހަރަކާތްތަކުގައި ސައްޕެގެ ހިއްސާބޮޑެވެ. މިއަދުވެސް ބޫޓަށް އަރައިގެން ބޯލަ ކުޅެން ނިކުމެއެވެ.

ތިނަދޫ ޓީމުގައި ހިއްސާވުމަށް ދެން ހުރީ ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅުނު ސާމިރު މުޙައްމަދެވެ. މިފަރާތްތަކުގެ ތަޖުރިބާ ތިނަދޫ ޓީމްގައި މިހާރު ހިމެނޭ ކުޅުންތެރިންނާ ހިއްސަ ކުރަން، ޓީމާއެކު ތިބުމަކީ ތިނަދޫގެ ފުޓްބޯޅައާއި ރައްޖޭގެ ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދިއުމަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ.