21 Aug 2015, 00:26
ސިވިލް ސާވިސް ޓްރެއިނިން އިންސްޓިޓިއުޓް (ސީއެސްޓީއައި)ގައި އީ-ލާނިން ތައާރަފްކޮށްފި އެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުނީ، ސީއެސް ޓްރެއިނިން އިންސްޓިޓިއުޓްގައި އީ-ލާނިން ތައާރަފް ކުރުމުގެ މައިގަނޑު މަގްސަދަކީ އެ އިންސްޓްޓިއުޓުން ހިންގާ ކޯސްތައް ފަސޭހަކަމާއެކު އަތޮޅުތަކުގައި މަސައްކަތްކުރާ ސިވިލް ސާވިސްގެ މުވައްޒަފުންނަށް ފޯރުކޮށްދިނުމާއެކު މުވައްޒަފުންގެ ގާބިލްކަން އިތުރުކޮށް އިދާރާތަކުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު މަތިކުރުން ކަމަށެވެ.
އީ-ލާނިން ތައާރަފް ކުރުމުގެ އަމަލީ މަސައްކަތް ސީއެސްސީން ފަށާފައިވަނީ އޮކްޓޯބަރު 2014ގައެވެ.
އެގޮތުގެމަތިން އެ އިންސްޓިޓިއުޓުން ވަނީ، އީ-ލާނިން ޕޯޓަލްއެއް ގާއިމްކޮށް، ޕައިލެޓްކުރުމަށް ހަމަޖެހިފައިވާ ސެޓްފިކެޓް 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން ކޯހުގެ މޮޑިއުލްތައް އީ-ލާނިން ޕްލެޓްފޯމަކަށް ބަދަލުކޮށްފައެވެ.
އީ-ލާނިންގެ ދަށުން ބުރާސްފަތި ދުވަހު ށ. އަތޮޅު ފުނަދޫގައި 21 ދަރިވަރުންނާއިއެކު ކިޔެވުން ފަށާފައިވާ ކަމަށްވެސް ސީއެސްސީން ބުންޏެވެ.
"މިކަމުގެ ސަބަބުން ހާސިލްކުރެވޭނެ ނަތީޖާތަކުގެ ތެރޭގައި ހަރަދު ކުޑަކުރެވުމާއި ފަސޭހަކަމާއެކު ޓްރެއިނިންގ ފޯރުކޮށްދިނުމުގެ އިތުރުން ގިނަ މުވައްޒަފުންތަކެއް އެއްފަހަރާ ތަމްރީން ކުރެވުން ހިމެނޭ،" ސީއެސްސީން ބުންޏެވެ.
ކުރިމަގުގައި މާލެއާއި އަތޮޅުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ސީއެސްސީ ޓްރެއިނިން އިންސްޓިޓިއުޓުން ހިންގާ ކޯސްތައް އީ-ލާނިން މެދުވެރިކޮށް ފޯރުކޮށްދޭނޭ ކަމަށް ސީއެސްސީން ބުންޏެވެ.
ސީއެސްސީން ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ ދަށުން ސިވިލް ސާވިސް ޓްރެއިނިން އިންސްޓިޓިއުޓުން ވަނީ މާލެ އަތޮޅު ކައުންސިލާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފައި ކަމަށްވެސް ސީއެސްސީން ބުންޏެވެ.