ޓެރަރިޒަމްގެ ކުށުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފު މައްސަލަ ބަލައިގަތުމާ މެދު އަދި ވަކިގޮތެއް ނުނިންމާ ކަމަށް ހައިކޯޓުން ބުނެފި އެވެ.

ހައިކޯޓުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ނަޝީދުގެ މައްސަލައިގެ ލިޔުންތައް ހައިކޯޓަށް ލިބުމުން، އެ މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ނިންމުމުގެ ކުރިން ސާފުކުރަން ޖެހޭ ކަންކަން ސާފުކުރުމަށް މިއަދު ބައްދަލުވުމެއް ބޭއްވި ކަމަށެވެ.

އަދިވެސް އެމައްސަލައިގައި އިތުރަށް ސާފުކުރަން ޖެހޭ ކަންކަން ހުރުމުން މައްސަލަ ބަލައިގަތުމާ ބެހޭ ގޮތުން އަދި ވަކިގޮތެއް ނުނިންމާކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ރައީސް ނަޝީދު 13 އަހަރަށް ޖަލަށް ލުމަށް ހުކުމް އިއްވާފައި ވަނީ އެމަނިކުފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި ސިފައިންގެ އެންމެ މަތީވެރިޔާގެ މަގާމުގައި ހުންނަވައި، ސިފައިން މެދުވެރިކޮށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލައިގަ އެވެ.

ދައުލަތުގެ ފަރާތުން އެ މައްސަލަ އިސްތިއުނާފުކޮށްފައި ވަނީ ރައީސް ނަޝީދުގެ ފަރާތްޕުޅުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދިފައިވާތީ އެވެ.