ހދ. ނޭކުރެންދޫގައި ފުލުހުންގެ އިދާރާއެއް ހުޅުވައި ހިދުމަތް ދޭން ފަށައިފި އެވެ.

ނޭކުރެންދޫގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ނޭކުރެންދޫ ފުލުހުންގެ އިދާރާ ހުޅުއްވައި ދެއްވީ ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދެވެ.

އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ސީޕީ ހުސައިން ވަހީދު ވިދާޅުވީ ނޭކުރެންދޫގައި ފުލުހުންގެ އިދާރާއެއް ހުޅުވުނީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއި އެއްބާރުލުމާ އެކު ކަމަށެވެ. އެގޮތުން އެ ރަށު ކައުސިލާއި ރައްޔިތުންގެ އިތުރުން އެ ދާއިރާގެ މަޖިލިސް މެންބަރު އަނާރާ ނައީމްގެ އެހީތެރިކަން ފާހަގަކޮށް ސީޕީ ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

ހދ. ނޭކުރެންދޫގައި ފުލުހުންގެ އިދާރާ ހުޅުވުމަށް މިިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ-- ޕޮލިސް

ކުށުގެ ވެށިން ނޭކުރެންދޫ ސަލާމަތް ކުރުމަށް ފުލުހުންގެ އިދާރާ އިން ކުރަމުންދާ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދިނުމަށް ވެސް ސީޕީ ވަނީ އެ ރަށުގެ ރައްޔިތުންނަށް އިލްތިމާސްކުރައްވާފަ އެވެ.

މަދުން ނަމަވެސް ބައެއް ރަށްރަށުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ނުތަނަވަސް ކަން މީގެ ކުރިން ކުރިމަތިވެފައި ވާކަން ފާޙަގަކުރައްވައި ސީޕީ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެކަހަލަ އެއްވެސް ކަމެއް ބަލައި ނުގަންނާނެ ކަމަށެވެ.

ހދ. ނޭކުރެންދޫގައި ފުލުހުންގެ އިދާރާ ހުޅުވުމަށް މިިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ-- ޕޮލިސް

ނޭކުރެންދޫގައި ފުލުހުންގެ އިދާރާ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ސީޕީގެ އިތުރުން އެ ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފަ އެވެ.