14 Mar 2011, 10:32
ޓޯކިޔޯ : ޖަޕާނުގެ އިރުއުތުރު އައްސޭރިފަށަށް ސުނާމީ ބޮޑުރާޅެއް އަރާފާނެކަމުގެ އިންޒާރު އެޤައުމުގެ ކަމާބެހޭ ފަރާތްތަކުންދީފިއެވެ.
ޖަޕާނުގެ ކިޔޮޑޯ ނޫސް އެޖެންސީ ބުނިގޮތުގައި އެސަރަޙައްދުގެ ކަނޑުގެ އަޑިއަށް ކުދިކުދި ބިންހެލުންތައް އަދިވެސް އަންނަމުންދާތީ ސުނާމީ ރާޅުތައް އުފެދެމުން ދާކަމަށާއި މީގެތެރޭގައި ތިންމީޓަރުގެ ރާޅެއް ހިމެނިދާނެކަމަށް ބެލެވޭތީ އިންޒާރު ދިނީ ކަމުގައެވެ.
އަނެއްކޮޅުން މިދިޔަ ހޮނިހިރު ދުވަހު ގޮވި ޖަޕާނުގެ ފުކުޝީމާ ނިއުކްލިޔަރ ރިއެކްޓަރގައި އަނެއްކާވެސް އިތުރުގޮވުމެއް ގޮވައިފިއެވެ. މިގޮވުމުގެ ސަބަބުންވެސް އަޅިއާއި ބޯ ދުމުގެ ވިލާގަނޑެއްވަނީ އެސަރަޙައްދުގެ މައްޗަށް އަރާފައެވެ. ނަތީޖާއެއްގެ ގޮތުން އެސަރަޙައްދުގެ ޖައްވުގައި ނިއުކްލިޔަރ ރޭޑިއޭޝަންހުރި މިންވަރު އެތަށްގުނައެއް މައްޗަށް ގޮސްފައިވާ ކަމަށް ޚަބަރުތައް ބުނެެވެ.
ޖަޕާނަށް އައި ބާރުގަދަ ބިންހެލުންތަކާއި ސުނާމީ ތަކުގެ ސަބަބުން ފުކުޝީމާ އެކުވެނީގެ ރިއެކްޓަރެއްގައި ބާރުގަދަ ގޮވުމެއް ގޮވައި އަދި އިތުރު ރިއެކްޓަރަކަށްވަނީ ގެއްލުންތަކެއް ލިބިފައެވެ. އަދި ޖަޕާނުގައިހުރި 50 ނިއުކްލިޔަރ ރިއެކްޓަރ ގެ ތެރެއިން 11 ރިއެކްޓަރެއްވަނީ ވަގުތީ ގޮތުން ބަންދުކުރެވިފައެވެ.
ބިންހެލުންތަކާއި ސުނާމީ ތަކުގެ ސަބަބުން ޖަޕާނަށް ކުރިމަތިވި މި ކާރިޘާތަކަކީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު އެޤައުމަށް ކުރިމަތިވި އެންމެ ބޮޑު ކާރިޘާ ކަމަށް ބޮޑުވަޒީރު ނަވްތޫ ކާން ވަނީ ސިފަކުރައްވާފައެވެ. މިކާރިޘާގައި މިހާތަނަށް 1451 މީހަކު މަރުވެ 1164 މީހަކު ގެއްލި އެތަށް ސަތޭކަ ބަޔަކު ޒަޚަމްވެފައިވާ ކަމަށް ޖަޕާނުގެ ރަސްމީ ފަރާތްތަކުން ބުނެއެވެ. -- ކިޔޮޑޯ ނޫސްއެޖެންސީ